ޚަބަރު ފީތާ

ނޮވެމްބަރ މަހު މީރާއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ފައިލް ފޮޓޯ

ވޭތުވެދިޔަ ނޮވެމްބަރ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.01 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާ ބަލާއިރު 21 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާރޝަން ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ ނޮވެމްބަރ މަހަށްވުރެ އިތުރުވުމެވެ.

މި ކުރިއެރުން ތަކާއެކު މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މީރާއަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކުރީ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ލިބުނު ޖުމުލަ ޢަދަދަކީ 12.08 ބިލިއަން ރުފިޔާއެވެ.

މީރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ނޮވެންބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %52.2 ނުވަތަ 525.96 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (87.84 މިލިއަން ރުފިޔާ ނުވަތަ %8.7) އިންނެވެ. އަދި ބީ.ޕީ.ޓީ (84.74 މިލިއަން ރުފިޔާ ނުވަތަ %8.4) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން (76.75 މިލިއަން ރުފިޔާ ނުވަތަ %7.6) އާއި، ގްރީން ޓެކްސް (57.2 މިލިއަން ރުފިޔާ ނުވަތަ %5.7) އަދި އެހެނިހެން ޓެކުހާއި ފީ (175.97 މިލިއަން ރުފިޔާ ނުވަތަ %17.4) ހިމެނެއެވެ.

ނޮވެންބަރު 2016 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

Rate this post