
މެރީޑިއަމް މަޑިފުށި ކަޕް: ފުރަތަމަ މެޗު ވަންހަ ގަބީލާ ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި..
ކޮޅުމަޑުލު މަޑިފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް މެރީޑިއަން މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ވަންހަ ގަބީލާއިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން އެޓީމުން ކާމިޔާބުކޮށްފިއެވެ.
މަޑިފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ނެގްސަސް ޔުނައިޓެޑާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސްޓީމަށް ލަނޑުބޯޑުން ސުމެއް ނައްޓާނުލެވިއެވެ. އެހެންނަމަވެސް މި ހާފުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއްދައްކާ ލަނޑުޖެހުމަށް މަސައްކަތް ކޮށްފައެވެ.
މިމެޗުގެ އަދި މިއަހަރުގެ މުބާރާތުގެވެސް އެންމެ ފުރަތަމަ ލަނޑު ވަންހަ ގަބީލާއިން ކާމިޔާބުކުރީ މެޗުގެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖާރޒީ ނަމްބަރ 7 އިބްރާހިމް ރަމީޒެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖާރޒީ ނަމްބަރ 5 އަޙްމަދު ނިޒާމެވެ.
ނެގްސަސް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ގާތްވެފައިވަނިކޮށް 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖާރޒީ ނަމްބަރ 31 ފަޔާޒް އަޙްމަދެވެ.
މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ 2 ވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ވެނޯޒިއާ އެސް.ސީ އާއި ޑީސީ ސްޕޯޓްސް ކުލަބެވެ. މިމެޗުވެސް ފެށުމަށް ތާވަލުކޮށްފައިވަނީ ހަވީރު 15:50ގައެވެ.
ހަމައެކަނި މަޑިފުށީގެ ރައްޔިތުންނަށް ކުޅުމުގެ ފުރުޞަތުދީފައިވާ މި މުބާރާތް މި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.



