
ކިއްސަރު ކަޕްގެ ގުރުއަތު ނެގުން ބާއްވައިފި
”ޖަމީލް ފައުންޑޭޝަން ކިއްސަރު ފުޓްސަލް ކަޕް 2016″ ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ރޭ އެފްއޭއެމް ހައުސްގައި ބާއްވައިފި އެވެ.
މި އަހަރުގެ ޑިސެމްބަރު މަހު ގއ.އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުނެގުން ބޭއްވުނުއިރު މި މުބާރާތް ފަށާނީ
އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
އަންނަ ޑިސެމްބަރު މަހުގފެ 11 އިން 17ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިފަހަރު 9 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ގއ.ކޮނޑޭގެ 7 ޓީމާއި އެ އަތޮޅު ނިލަންދޫގެ 2 ޓީމެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ކޮނޑޭގެ ޓީމުތަކަކީ އަޒީ ސްޕޯޓްސް، މަކައްލާ ޔުނައިޓެޑު، އެފްސީ ޔަންގްސްޓާ، ކްލަބް ޕިންކް ސްޓްރީޓް، އެފްސީ ޕިންކް ސްޓާރް، ސްޕޯޓްސް ކްލަބް ބަފާނާ އަދި އޭޖާސް ޔުނައިޓެޑް އެވެ. ނިލަންދޫ އިން ބައިވެރިވެފައިވާ 2 ޓީމަކީ ބީވާ ސްޕޯޓްސް އާއި އެންއެސް ރޯމާ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތް މީގެ ކުރިން 6 ފަހަރެއްގެ މަތިން ވަނީ ބާއްވާފައެވެ. އެގޮތުން އެންމެ ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގއ.ކޮނޑޭގެ އޭޖާސް ޔުނައިޓެޑެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދައިރު މުބާރާތުގެ ރަނަރަޕް ޓީމަށް 7500 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މީގެ އިތުރުން މި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވޭ ކުޅުންތެރިއަކަށް ވެސް މޯލްޑިވިއަންގެ ފަރާތުން އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު 5 ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިއާ އާއި ފެއާ ޕްލޭ ޓީމާއި ފެއާ ޕްލޭ ކުޅުންތެރިއާގެ އިތުރުން މުބާރާތުގައި ކުޅިވަރުގެ ރޫޙާއި އެއްގޮތަށް އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމް ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.



