އިސްލާމިކް ފައިނޭންސް ދާއިރާގެ މަތީފަންތީގެ ކޯސްތަކެއް ރާއްޖޭގައި ހިންގުމަށްޓަކައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް އިން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގައި މިމަހުގެ 24 ވަނަ ދުވަހު ސޮއިކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ ގެ ފަރާތުން އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މޫސާ އަހުމަދު ސޮއިކުރެއްވި އިރު އެމް.ސީ.އައި.އެފް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ އެވެ.
ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި އެކު ސޮއިކުރެވުމާއި އެކު މި އެއްބަސްވުމުގެ ދަށުން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް އެމްސީއައި އެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެއިތުރުން އެމްސީއައި އެފްގެ ދަށުން ހިންގާ ސައުތުއޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް ގައި ކުރިއަަށްގެންދާ އިސްލާމިކް ފައިނޭންސް އާއި ހަލާލް އިންޑަސްޓްރީގެ ސެޓްފިކެޓްގެ އިތުރުން ޑިޕްލޮމާރ ފެންވަރުގެ ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދޭގޮތަށް މިއެއްބަސް ވުމުގެ ދަށުން ވަނީ ހަމަޖެހިގެން ގޮސްފައެވެ.
އަދި ”އެމްސީއައިއެފްއިން“ އިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ދިރާސާތަކުގައި ރިސާރޗް ޕާރޓްނާއެއްގެ ގޮތުގައި ”ޔުސިމް“ އިން ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައިވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްސީއައި އެފްގެ މެނޭޖިންގ ޑިރެކްޓާރ އިބްރާހީމް ދީދީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތައް މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި އެހެން ކަމުން ފުރަތަމަ ޕީއެޗްޑީ ބެޗްގައި ބައިވެރިވެ ފަސް ފަރާތަކުން ކޯސް ކުރިއަށް ގެންދާގޮތަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ދީދީ ވިދާޅުވީ މިހާރު މިކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީ ތަކެއްވެސް މުޅިން ނިމިފައިވާކަމަށެވެ.
ދީދީ ވިދާޅުވީ މި އެއްބަސްވުމާ އެކު ދެފަރާތުން ސޮއިކުރެވި ގިނަ ކަންތައް ތަކެއް ހަމަ ޖެހިގެން ދިއުނަކީ އިސްލާމިކް ފައިނެންސް ގެ ދާއިރާ އަށް ގިނަގުނަ ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިގެން ދާނޭ ކަމެއްކަމަށެވެ.