ޚަބަރު ފީތާ

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް މިހާރުވަނީ ޔަގީންކޮށްދެވިފަ: މިނިސްޓަރ ތާރިޤް

އެންމެނަށް ހަކަތަ ޔަގީންކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް މިހާރުވަނީ ޔަގީންކޮށްދެވިފައި ކަމަށް ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހަކަތައިގެ ދާއިރާއިން ވޭތުވެދިޔަ 3 އަހަރު ދުވަހު ކުރެވުނު މަސައްކަތްތަކާއި ބެހޭގޮތުން މިނިސްޓަރ ތާރިޤް ވިދާޅުވީ ސާފު ހަކަތައިން އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ ވަޢުދުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ލޯޑުގެ 30% އާއި އެއްވަރަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ރިނިއުބަލް އެނަރޖީގެ މަސައްކަތް ނިމިފައިވަނީ

ރަށުގެ ޢަދަދު ކިލޯވޮޓްގެ ޢަދަދު އަގު
9 2065 132,854,449 ރ

 

ރިނިއުބަލް އެނަރޖީގެ މަސައްކަތް ކުރިއަށްދަނީ

ރަށުގެ ޢަދަދު ކިލޯވޮޓްގެ ޢަދަދު އަގު
9 4000 154,200,000 ރ

 

 

 

 

ގްރިޑް އަޕްގްރޭޑްކުރުމާއި ޖެނެރޭޝަންގެ މަސައްކަތް ކުރިއަށްދާ

ރަށުގެ ޢަދަދު އަގު
9 209,712,000 ރ

މީގެ ތެރޭގައި މާލެއަށް ބޭނުންވާ 8 މެގަވޮޓް ޖެނެރޭޓަރ ހިމެނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހއ، އަދި ހދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށާއި ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރާނެ ބަޔަކު ހޯދުމަށްކުރި އިޢުލާނުގެ ބީލަން ދިރާސާ ކުރިއަށްދާ ކަމަށާއި ށ އަދި ނ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ރިނިއުބަލް އެނަރޖީ އަދި ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތާރިޤް އިބްރާހީމް ވިދާޅުވީ ރިނިއުބަލް އެނަރޖީ އަދި ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތުގެ ސަރވޭ ނިމި އަދި ކުރިއަށްދާ އަތޮޅުތަކަކީ ރ، ޅ، ކ، އއ، އދ، ވ، ގއ، ގދ ކަމަށެވެ. އަދި ހަކަތައިގެ ދާއިރާގެ ދިރާސާކުރުން އަވި އަދި ވައިގެ ހަކަތައިގެ ދިރާސާ ހދ. ކުޅުދުއްފުށި، ޅ،ނައިފަރު އަދި ކ.ގުޅީފަޅު ގައި މެޓްމާސްޓް ހަރުކުރެވިފައި ޖުމްލަ އަގަކީ 29,016,904    ރުފިޔާ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަސައްކަތުގެ ޑިޒައިން މަސައްކަތް ކުރިއަށްދަނީ ޖުމްލަ އަގަކީ 5,690,766 ރުފިޔާއަށް ކަމަށާއި މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ނިމޭއިރު، މި ކަރަންޓު ވިއުގައިގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށާއި މިކަމަށް ގާތްގަނޑަކަށް ޖުމްލަ 616,800,000 ރުފިޔާ ޚަރަދުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ތަރައްޤީކުރެވޭ ޢިމާރާތްތަކަކީ ވީހާވެސް މަދުން ކަރަންޓު ބޭނުންކުރާ ޢިމާރާތްތަކަށް ހެދުމަށްޓަކައި އެކުލަވާލަންޖެހޭ މިންގަނޑުތަށް އެކުލަވާލުމަށް ޖުމްލަ 58,596,000 ރުފިޔާގެ މަޝްރޫއެއް ކުރިއަށް އެބަދާ ކަމަށާއި މާލެ ސަރަހައްދު ތަރައްގީވަމުން އަންނަ ހަލުވިމިނުގައި ބޭނުންވާ ކަރަންޓު މެދުކެނޑުމެއްނެތި ޔަގީންކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި 50 މެގަވޮޓުގެ އިންޖީނުގެއެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ވިދާޅުވިއެވެ.

އަދި މިކަމަށް ގާތްގަނޑަކަށް ޖުމްލަ 1,542,000,000 ރުފިޔާ ޚަރަދުކުރެވޭނެ ކަމަށާއި އަތޮޅު ތެރޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި 649،186،598.06 ރުފިޔާ ވަނީ ޚަރަދު ކުރެވިފައިވާ ކަމަށްވެސް ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.

 

 

 

Rate this post