
ސޫރަތުލް އިންޝިޤާޤް (4) ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު، 24 ނޮވެންބަރު 2016 އާގުޅޭ..
ތިލާވަތުގެ ސަޖިދައިގެ ބައެއް ޙުކުމްތައް:
1- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ކިހިނެއް ހެއްޔެވެ؟ ސަޖިދައަށް ދާއިރު އަދި ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔަން ޖެހޭނެ ހެއްޔެވެ؟ އަދި ސަލާމްދޭން ޖެހޭނެހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ހަމައެކަނި ސަޖިދައަށް ދާއިރުއެވެ. ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔާކަށް ނުޖެހޭނެއެވެ. އަދި ސަލާމްދޭކަށްވެސް ނުޖެހޭނެއެވެ. އެހެނީ މިކަންތައްތަކުގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވާ ހަމައެކަނި ކަމަކީ ސަޖިދައަށް ދާއިރު ﷲ އަކްބަރު ކިޔުމެވެ. ނަމާދުގަ ފިޔަވައެވެ. ނަމާދުގައި ސަޖިދައިން ތެދުވާއިރު ﷲ އަކްބަރު ކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަމަގުން ވާރިދުވެފައިވެއެވެ.
عن ابنُ عمرَ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللِه صَلَّى اللُه عَلَيْهِ وَسَلَّمَ يَقْرَأُ عَلَيْنَا الْقُرْآنَ، فَإِذَا مَرَّ بِالسَّجْدَةِ كَبَّرَ وَسَجَدَ وَسَجَدْنَا ) أخرجه أحمد2/17، والبخاري 2/33،34 ، ومسلم 1/405 برقم (575)
މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނަށް ޤުރުއާން ކިޔަވާވިދާޅުވެއެވެ. ސަޖިދައިގެ އާޔަތަކާ ހަމަވުމުން ތަކްބީރު ކިޔުއްވާ ސަޖިދަކުރައްވައެވެ. ތިމަންމެންވެސް ސަޖިދަކުރަމެވެ.”
اللجنة الدائمة للبحوث العلمية والإفتاء 7/261
2- ތިލާވަތުގެ ސަޖިދާ ކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދަކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ނޫނެވެ.
(مجموع فتاوى ومقالات سماحة الشيخ ابن باز 11 / 406)
3- ތިލާވަތުގެ ސަޖިދާގައި ކިޔާނީ ކޮން ދުޢާއެއް ހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައިވެސް ކިޔާ ތަސްބީޙައެވެ. އަދި މީގެ އިތުރުން އަންނަނިވި ދުޢާތައްވެސް ތިލާވަތުގެ ސަޖިދާގައި ކިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިވެއެވެ.
“سَجَدَ وَجْهِيَ لِلَّذِيْ خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ”( رواه الترمذي وأحمد والحاكم وصحّحه ووافقه الذهبي )
މާނައީ: “އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނުހައްދަވާ އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނުސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ.”
“اَللَّهُمَّ اكْتُبْ لِيْ بِهاَ عِنْدَكَ أَجْرًا وَضَعْ عَنِّي بِهاَ وِزْرًا وَاجْعَلْهاَ لِيْ عِنْدَكَ ذُخْرًا وَتَقَبَّلْهاَ مِنِّيْ كَماَ تَقَبَّلْتَهاَ مِنْ عَبْدِكَ دَاوُدَ”( رواه الترمذي والحاكم وصحّحه ووافقه الذهبي)
މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް މިސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފައެއް ފުއްސަވާނދޭވެ! އަދި އިބަﷲގެ ޙަޟްރަތުގައި މިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މިސަޖިދަ ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ ކަމުގައިވާ ދާވުދުގެފާނުގެ ކިބައިން މިސަޖިދަ ޤަބޫލުކުރެއްވިފަދައިން މިއަޅާގެ ކިބައިންވެސް މިސަޖިދަ ޤަބޫލުކުރައްވާނދޭވެ.”
4- ތިލާވަތުގެ ސަޖިދާގައި ކުރާނީ އެންމެ ސަޖިދައެއް ހެއްޔެވެ ނުވަތަ ދެސަޖިދަހެއްޔެވެ؟
ޖ- ތިލާވަތުގެ ސަޖިދާގައި ކުރާނީ އެންމެ ސަޖިދައެކެވެ. وقد ” اتَّفَقَ الْفُقَهَاءُ عَلَى أَنَّ سُجُودَ التِّلاوَةِ يَحْصُلُ بِسَجْدَةٍ وَاحِدَةٍ ” اهـ -الموسوعة الفقهية (24/221) . މައުސޫއަތުލް ފިޤްހިއްޔާގައި އައިސްފައިވެއެވެ. އަދި ހަމަކަށަވަރުން، “ތިލާވަތުގެ ސަޖިދަ އެއް ސަޖިދައިން ޙާޞިލުވާކަމުގައި ފިޤުހުވެރިން އިއްތިފާޤުވެފައިވެއެވެ.”
5- ނަމާދުކުރުން ނަހީވެގެންވާ ވަޤުތެއްގައި ތިލާވަތުގެ ސަޖިދަ ކުރެވިދާނެހެއްޔެވެ؟
ޖ- ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅުގައި ތިލާވަތުގެ ސަޖިދައަކީ ނަމާދުގެ ޙުކުމުގައި ވާ ކަމެއް ނޫނެވެ. އެއީ ނަމާދުގެ ޙުކުމުގައިވާ ކަމެއްކަމުގައި ބުނި ނަމަވެސް ނަމާދުކުރުން ނަހީވަޤުތުތަކުގައި އެކަން ކުރެވޭނެއެވެ. އެހެނީ އެއީ ސަބަބެއް ކުރިމަތިވެގެން ކުރާ ކަމެއްކަމުގައިވާތީއެވެ. ކޭތަނަމާދާއި ޠަވާފުގެ ދެ ރަކުޢަތްފަދައިންނެވެ.
(فتاوى اللجنة الدائمة 7/264)
6- ތިލާވަތުގެ ސަޖިދަކުރާ އިރު ޤިބުލައަށް ކުރިމަތިލުމީ ޝަރުޠެއް ހެއްޔެވެ؟
ޖ- ޝަރުޠެއް ނޫނެވެ. އެހެނަސް އައުލާވެގެންވާ ގޮތަކީ އެއީއެވެ.
اللجنة الدائمة للبحوث العلمية والإفتاء 7/262
7- ތިލާވަތުގެ ސަޖިދަޖެހުން ސުންނަތް ވެގެންވަނީ ކޮންބަޔަކަށް ހެއްޔެވެ؟ ކިޔަވާ މީހާއާއި އަޑުއަހާމީހާ އާއި އަޑުއިވޭމީހާވެސް ތިލާވަތުގެ ސަޖިދަ ޖަހަންޖެހޭނެތޯއެވެ؟
ޖ- ތިލާވަތުގެ ސަޖިދަކުރުން ސުންނަތްވެގެންވަނީ ޤުރުއާން ކިޔަވާ މީހާއަށާއި ޤުރުއާން އަޑުއަހާ މީހާގެ މައްޗަށެވެ. ޤަސްދެއްނެތި ޤުރުއާން އަޑުއިވޭ މީހާގެ މައްޗަށް، ތިލާވަތުގެ ސަޖިދަ ކުރުން ސުންނަތްވެގެން ނުވެއެވެ. [المغني (1/361) ]
8- އަންހެނަކު ބުރުގާނާޅާ ޤުރުއާން ކިޔަވާނަމަ ތިލާވަތުގެ ސަޖިދަވަޅަކާ ދިމާވުމުން ބުރުގާނާޅާ ސަޖިދަކުރުމަކީ މައްސަލައެއްތޯއެވެ؟
ޖ- އައުލާވެގެންވާ ގޮތަކީ ބުރުގާއަޅައިގެން ކުރުމެވެ. އެހެންނަމަވެސް ބުރުގާނާޅާ ކުރިކަމުގައިވިޔަސް އެއީ މައްސަލައެއް ނޫނެވެ. އެހެނީ ތިލާވަތުގެ ސަޖިދައަކީ ނަމާދުގެ ޙުކުމުގައިވާ ކަމެއް ނޫނެވެ.
اللجنة الدائمة للبحوث العلمية والإفتاء 7/263
9- ޙައިޟުވެރިޔާއަށް ތިލާވަތުގެ ސަޖިދަކުރެވިދާނެ ހެއްޔެވެ؟
ޖ- ޙައިޟުވެރިޔާއަށް މުޞްޙަފުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވިދާނެއެވެ. އެފަދަ ޙާލަތުގައި ތިލާވަތުގެ ސަޖިދަވެސް ކުރެވޭނެއެވެ. އެހެނީ ތިލާވަތުގެ ސަޖިދައަކީ އެއަށް ޠަހާރަތު ޝަރުޠުވެގެންވާ ކަމެއް ނޫނެވެ.
(ބައްލަވާ اللجنة الدائمة للبحوث العلمية والإفتاء 7/262)
10- ކީރިތި ޤުރުއާން ކިޔަވާއިރު ތިލާވަތުގެ ސަޖިދަވަޅެއް އައުމުން މުޞްޙަފު މުޞައްލަ މަތީ (ބިންމަތީ) ބާއްވާފައި ތިލާވަތުގެ ސަޖިދަކުރުމަކީ މައްސަލައެއްތޯއެވެ؟
ޖ- މުސްޙަފު ބާއްވާތަން ޠާހިރު ނަމަ އެފަދަ ތަނެއްގެ މަތީގައި ސަޖިދަކުރާ ވަޤުތު މުސްޙަފު ބާއްވާލުމަކީ މައްސަލައެއް ނޫނެވެ. އުސްތަނެއްގައި ބޭއްވުމަށް ފަސޭހަނަމަ ބޮޑަށް ރަނގަޅީ އުސްތަނެއްގައި ބޭއްވުމެވެ. ނުވަތަ ސަޖިދައިން ތެދުވަންދެން ކައިރީގައި އިން މީހަކަށް މުސްޙަފު ދިއްކޮށްލުމެވެ. އެހެނީ އެކަން ވަނީ ކީރިތި ޤުރުއާނަށް މާތްކޮށްހިތުމާއި، އަޅާލުމުގެ ތެރެއިންނެވެ. އަދި މީސްތަކުން ތިބާއާ ދޭތެރޭގައި ޤުރުއާނަށް އިހާނާތްތެރިކޮށްހިތާ މީހެކޭ ހީކޮށްފާނެތީއެވެ.”
[ބައްލަވާ مجموع فتاوى ابن باز (24/349) .]
11- ތިލާވަތުގެ ސަޖިދާގައި ކިޔާދުޢާ ކިޔާނީ ކިތައް ފަހަރު ހެއްޔެވެ؟
ޖ- އެއްފަހަރުއެވެ.
12- ކީރިތި ޤުރުއާން ޙިފްޒުކުރުމަށްޓަކައި އާޔަތްތަކުރާރުކޮށް ކިޔަވަމުންދާއިރު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ އެއާޔަތް ކިޔަވާ ކޮންމެ ފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟
ޖ- މި މައްސަލާގައި ޢިލްމުގެ އަހުލުވެރިންގެ އިޚްތިލާފުވެފައިވެއެވެ. އެންމެ ޞައްޙަ ވެގެންވާ ބަހަކީ އެފަދަ ޙާލަތެއްގައި އެންމެ ސަޖިދައަކުން ފުއްދާލުމެވެ. އެއީ އެކަމުގައިވާ ދަތިކަމާއި އުނދަގުލުގެ ސަބަބުންނެވެ. އެއީ ފުރަތަމަ އެ އާޔަތް ކިޔަވާއިރު ސަޖިދަކޮށްލުމެވެ. އޭގެފަހުގައި ކިތަންމެ ގިނައިން އެއާޔަތް ކިޔެވިކަމުގައިވިޔަސް އަލުން ސަޖިދަނުކުރުމެވެ. [ބައްލަވާ رد المحتار على الدر المختار” (2/114) ބައްލަވާ “الانصاف” (2/196 (].
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ކީރިތި ޤުރުއާން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ސަޖިދަކުރުމީ ވާޖިބެއް ހެއްޔެވެ؟ އަދި ހިފްޒުކުރާއިރު ތަކުރާރުކޮށް އާޔަތް ކިޔަވާނަމަ ކޮންމެފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ. “ތިލާވަތުގެ ސަޖިދަކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ ސުންނަތެކެވެ. އެކަމުގެ ދަލީލަކީ ޢުމަރު ރަޟިޔަﷲ ޢަންހު ހުކުރުދުވަހުގެ ޚުޠުބާއެއްގައި ސަޖިދައިގެ އާޔަތެއް (ނަޙްލު ސޫރަތުގެ އާޔަތް) ވިދާޅުވެފައި، މިންބަރުން ފައިބާވަޑައިގެން ތިލާވަތުގެ ސަޖިދަކުރެއްވިއެވެ. އަދި އެހެން ހުކުރު ޚުޠުބާއެއްގައި ހަމަ އެ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރު ތިލާވަތުގެ ސަޖިދައެއް ނުކުރައްވައެވެ. އޭގެފަހުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ( إِنَّ اللهَ لم يَفْرِضْ عَلَيْنَا السُّجُودَ إِلَّا أَنْ نَشَاءَ )[رواه البخاري] “އަހަރެމެން ބޭނުންވާ ފަހަރެއްގައި ކުރުމަށް މެނުވީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ސަޖިދަ (ތިލާވަތުގެ ސަޖިދަ) ފަރުޟުނުކުރައްވައެވެ.”
ދެންފަހެ ކީރިތި ޤުރުއާން ހިތުދަސްކުރުމަށްޓަކައި ތަކުރާރުކޮށް މީހަކު ސަޖިދައިގެ އާޔަތެއް ކިޔަވާނަމަ އޭނާ ފުރަތަމަ ކުރާ ސަޖިދަ ދެން ބާކީ ހުރި ސަޖިދަތަކުން ފުދިގެންވެއެވެ. ސަޖިދަ އަލުންކުރުމުގެ ބޭނުމެއް ނެތެވެ. އާޔަތް ކިޔެވުން މެދުކަނޑާލުމަށްފަހުގައި ދިގު މުއްދަތެއް ފާއިތުނުވާނަމައެވެ.” [ބައްލަވާ مجموع الفتاوى (14/318 [1](
13- ކީރިތި ޤުރުއާނުގައިވާ ސަޖިދައިގެ އާޔަތްތަކަކީ ކޮބައިތޯއެވެ؟
ޖ. ކީރިތި ގުރްއާނުގެ 15 ތަނެއްގައި ސަޖިދަވަޅު ވެއެވެ. އެއީ:
- ސޫރަތުލް އަޢްރާފްގެ 206
- ސޫރަތުއް ރަޢްދުގެ 105
- ސޫރަތުއް ނަޙްލުގެ 50
- ސޫރަތުލް އިސްރާގެ 109
- ސޫރަތު މަރްޔަމްގެ 58
- ސޫރަތުލް ޙައްޖުގެ 18 އަދި 77
- ސޫރަތުލް ފުރްގާންގެ 60
- ސޫރަތުއް ނަމްލުގެ 26
- ސޫރަތުއް ސަޖްދާގެ 15
- ސޫރަތު ޞާދުގެ 24
- ސޫރަތު ފުއްޞިލަތްގެ 38
- ސޫރަތުއް ނަޖްމުގެ 62
- ސޫރަތުލް އިންޝިގާގް ގެ 21
- ސޫރަތުލް ޢަލަގިގެ 19
(بَلِ الَّذِينَ كَفَرُوا يُكَذِّبُونَ ﴿٢٢﴾ ) ﷲ ގެ އާޔަތްތައް ކިޔެވޭ ހިނދު އެބައިމީހުން ސަޖިދަ ނުކުރާ ވާހަކަ ބަޔާން ކުރެއްވުމަށްފަހުގައި މިބަޔާން ކުރައްވަނީ އެބައިމީހުން ސަޖިދަ ނުކޮށް ތިބޭ ސަބަބެވެ. އެއީ، އެބައިމީހުން ﷲ ގެ އާޔަތްތަކަށް އީމާންވެ އެވެ. ސަބަބަކީ ﷲ އަށް އީމާންވެގެން ހުރި ކޮންމެ މީހަކު ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ބޯލަނބާ ކިޔަމަންގަންނަން ޖެހެއެވެ. އަދި ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ.
މި އާޔަތުން ދޭހަވަނީ ކާފިރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްދޮގުކޮށް، އެކަންތައް އެބައިމީހުންގެ ހިތްތަކުގައި ފޮރުވައިގެން ތިބިކަމެވެ.
(وَاللَّـهُ أَعْلَمُ بِمَا يُوعُونَ ﴿٢٣﴾ ) އެބައިމީހުންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައްތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
(فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٢٤﴾ ) އެބައިމީހުންނަށް ގަދަފަދަވެގެންވާ ޢަޛާބު ހުރިކަން އަންގަވާށެވެ.
”އަލްބަޝާރާ“ ޢާންމުކޮށް ބޭނުން ކުރެވޭނީ އުފާވެރިކަމުގެ ޚަބަރު ދެއްވުމަށެވެ. ނަމަވެސް، މިތަނުގައި ނަރަކައިގެ ގަދަފަދަ ވޭންދެނިވި ޢަޛާބުގެ ވާހަކައިން ޚަބަރު ދެއްވުމަށް އެބަސް ބޭނުންކުރެވިފައިވަނީ އެބައިމީހުންނަށް މަލާމާތް ކުރެއްވުމުގެ ގޮތުންނެވެ.
(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٢٥﴾ )
(إِلَّا ) މިތަނުގައި (إِلَّا ) ބޭނުން ކުރެވިފައި މިވަނީ (لكن ) ނުވަތަ ”އެކަމަކު“ ގެ މާނާގައެވެ. މިތަނުގައި އިސްތިޘްނާ އަކީ މުންގަޠިޢު އިސްތިޘްނާ އެކެވެ. މުއްތަޞިލް އިސްތިޘްނާ އެއް ނޫނެވެ. ސަބަބަކީ އީމާންވީ މީހުންނަކީ ﷲ ގެ އާޔަތްތައް ދޮގުކުރި މީހުންގެ ތެރެއިން ވާ ބަޔަކަށް ނުވާތީވެއެވެ. އަދިކިއެއްތަ، އެބައިމީހުންނަކީ ﷲ ގެ އާޔަތްތައް ތެދުކުރި މުއިމިނުންނެވެ. އެހެންކަމުން، މިތަނުގައި އާޔަތުގެ މާނައަކީ ”އީމާންވެ ހެޔޮޢަމަލު ކުރި މީހުންނަށް މެދުކެނޑުމެއް ނެތް މަތިވެރި ދަރުމަ އާއި ޘަވާބު މާތް ﷲ ދެއްވާނެއެވެ.“
ހެޔޮ ޢަމަލުގައި ދެ ޝަރްޠެއް ހަމަވާން ޖެހޭނެއެވެ. އެއީ:
- ﷲ އަށް އިޚްލާޞްތެރިކަމާއި އެކު ކުރެވޭ ކަމަކަށް ވުން.
- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ކަމަކަށް ވުން.
އާޚިރަތުގެ ދަރުމަ އާއި ޘަވާބަކީ އެއްގޮތަކަށްވެސް މެދުކެނޑުމެއް ނުވާ އެއްޗެކެވެ. ދުނިޔޭގައި ހެން ބައެއް ފަހަރު ގަސްގަހުގައި މޭވާ އަޅާފައި އަނެއްބައި ފަހަރު މޭވާ ނަޅާ ދުވަސްވަރެއް ނާންނާނެއެވެ. ސުވަރުގޭގެ ނިޢްމަތްތަކަކީ ދާއިމަށް ދެމިހުންނަނިވި ނިޢްމަތްތަކެކެވެ. ސޫރަތު މަރްޔަމްގެ 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا ﴿٦٢﴾) މާނައަކީ: ”އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ.“
އަޅަމެންނަކީ ސުވަރުގޭގެ ދާއިމީ ނިޢްމަތް ލިބިގެންވާ ބަޔަކު ކަމުގައި މާތް ﷲ ލައްވާށި. އާމީން.
وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين. والحمدلله رب العالمين.
[1] މިބައިތައް ނެގިފައި މިވަނީ ދި ސަލަފިއްޔާ ސައިޓްގައި އައްޝައިޚް މުޙައްމަދު ޝާފިޢު ޢަބްދުލް ޣަފޫރު ލިޔުއްވާފައިވާ ލިޔުއްވުމަކުންނެވެ.
ނިމުނީ.



