ފަތުރުވެރިކަމުގައި ބޭނުންކުރާތަކެތި ޒިންމާދާރު ގޮތެއްގައި އުފައްދާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ތިމާވެއްޓާއި ހަކަތަ އާބެހޭ ވަޒީރު މިނިސްޓަރ ޠާރިޤް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އާއި ގުޅިގެން ކަސްޓަމް ބިލްޑިންގގައި މިއަދު ހެނދުނު ފެށި މަސައްކަތު ބައްދަލުވުން އިފުތިތާހު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުން، މިލަނޑުދަނޑި ހާސިލުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އަދި ފަތުރުވެރިކަން ތަރައްޤީ ކުރަންޖެހެނީ ދެމެހެއްޓެވި ގޮތެއްގައި ކަމަށާއި ރާއްޖޭގެ ރިސޯޓްތަކުގައި އުފައްދާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަކީ ކޮބައިކަން ބެލުމާއި ސަކެޕްގެ މެންބަރު ޤައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގައި މިމަސައްކަތް ކުރާގޮތުގެ ތަޖުރިބާ ހިއްސާކުރުން މުހިއްމު ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުފައްދައި ބޭނުންކުރާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާއި ރަށްޓެހިގޮތަށް ބޭނުންކުރުމާ ބެހޭގޮތުންނެވެ.
މިމަސައްކަތު ބައްދަލުވުމުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް އާއި ބޫޓާނާއި ނޭޕާލާއި ޕާކިސްތާން އަދި ޝްރީލަންކާއިން ބައިވެރިވިއެވެ.