
އެމްއެންޑީއެފްގެ މެރަތަން ޓީމަށް ނޭޕާލުގެ އެތްލެޓިކްސް ކޯޗު..
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މެރަތަން ޓީމަށް ތަމްރީނު ދިނުމަށް ނޭޕާލުގެ ޤައުމީ އެތްލެޓިކްސް ކޯޗު ދަރީނާމް ޗައުދަރީ ގެނެސް ފަރިތަކުރުންތައް ފަށައިފިއެވެ.
މިއީ އަންނަ ޖެނުއަރީ މަހު ދުބާއީގައި ބާއްވާ ސްޓޭންޑަޑް ޗާޓަރޑް މެރެތަންގައި ވާދަކޮށް ބޮޑު ކާމިޔާބަކަށް އަމާޒުވުމުގެ މަޤުޞަދުގައި ގެނައި ކޯޗެކެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ތަމްރީންތައް ބާއްވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި އެ ޓީމުގައި 7 ދުވުންތެރިން ހިމެނޭ ކަމަށާއި އޭގެ ތެރެއިން 4 ދުވުންތެރިން ފުލް މެރެތަން (42 ކިލޯމީޓަރ) ގައި ވާދަކުރާ އިރު، އަނެއް ތިން އެތުލީޓުން ދުވާނީ 10 ކިލޯމީޓަރުގެ ރޯޑްރޭހުގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެ ޓީމުގައި ގިނަ މެރެތަންގައި ދުވެފައިވާ ނަޞްރުﷲ އަޙްމަދު (ނަސްރު) އާއި ދިގުދުވުންތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއްދުވުންތެރިޔާ ޝިފާޒް މުހައްމަދުވެސް ހިމެނެއެވެ.
ނޭޕާލުގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ ދަރީނާމް ޗައުދަރީ ވަނީ އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ނޭޕާލް ތަމްސީލުކޮށްފައެވެ. އަދި 1987 އިން 1999 ވަނަ އަހަރާ ހަމަޔަށް ބޭއްވި ސައުތު އޭޝިއަންގެ ހުރިހާ ގޭމްސްއެއްގައިވެސް ވަނީ ދުވެފައެވެ. ނޭޕާލުގެ މިޑްލް ޑިސްޓެންސް އަދި ޖަމްޕިންގ އިވެންޓްތަކުގެ ކޯޗު ވަނީ އިންޓަރނޭޝަނަލް ގިނަ ކޯޗިން ތަމްރީންތައްވެސް ހަދާފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ދިގު ރާސްތާ ދުވުމުގެ ފޯރި ގަދަވެފައިވާ އިރު، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައިވެސް ދިވެހި ދުވުންތެރިން އަންނަނީ ވާދަކުރަމުންނެވެ.



