ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އަދި މުޖުތަމަޢު އިސްލާހު ކުރުމަށްޓަކައި އަލް އަޞްރުގެ ފަރާތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ރާވާ ހިނގަމުންނެވެ. އެގޮތުން ”ޕްރޭއެންޖޯއި“ އަކީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ބޭއްވޭ ކޭމްޕެކެވެ.
“ޕްރޭއެންޖޯއި” ގެ ނަމުގައި އަލް އަޞްރުގެ ފަރާތުން މީގެ ކުރިންވެސް ވަނީ 2 ކޭމްޕެއް ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ. މި ފަހަރުވެސް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޙް އާދަމް ޝަމީމް އާއި އެކު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަކޮށްލަމެވެ.
އަލް އަޞްރުގެ ފަރާތުން މައުލުމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމް އަކީ 2 ދުވަހުގެ މުއްދަތަކަށް ބަހާލެވިގެން ރޭވިފައިވާ ކޭމްޕެކެވެ. މި ކޭމްޕުގައި ދަސްކޮށްދެވިގެންދާނީ ކުޑަކުދިންނަށް ގުޅޭ ފަދަ ގޮތަށް އަމަލީގޮތުން ނަމާދުގައި ކަންކުރަންވީ ގޮތް ކިޔާދެވޭނެ ކަހަލަ އުސޫލެއްގެ މަތިންނެވެ. ނަމާދު ގެ މުހިންމުކަމާއި، ވުޟޫ ކުރާނެގޮތް ކިޔައިދީ އަދި އެކުދިން ލައްވާ ދީނުގައި ސާބިތުވެފައިވާގޮތަށް ވުޟޫ ކުރުވާ، ބަންގި ގޮވުމާއި އަދި ނަމާދުކުރާނެގޮތް ކިޔާދެވިގެން ދާނެއެވެ.މީގެ އިތުރުން ހުރިހާ ކުދިން ބައިވެރިކޮށް ޖަމާޢަތުގައި ނަމާދުކުރާގޮތަށް ވެސް ވަނީ ރޭވިފައެވެ.އަދި މިނޫންވެސް އިތުރު ހަރަކާތްތައް މި ކޭމްޕްގެ ތެރޭގައި ހިމެނިފައިވާނެއެވެ.
މިފަހަރުގެ ކޭމްޕް ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 7 އަހަރާއި 9 އަހަރާއި ދެމެދުގެ ކުދިންނަށް ނޮވެންބަރު މަހުގެ 29 އަދި 30 މި ދެދުވަހާއި، 10 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ޑިސެންބަރު މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ.އަދި ކޭމްޕް ބޭއްވުމަށް ހަމަޖެހިވައިފަނީ އިސްލާމީ މަރުކަޒުގެ ހޯލްގައެވެ.
ނަމާދަކީ އިސްލާމް ކަމުގެ އެންމެ މުހިންމު އެއް ރުކުނަށް ވެފައި އަދި މުސްލިމުންނަށް ވެތިބެ ދަރިންނަށް ނަމާދުކުރުމަށް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޒިންމާއަކަށް ވީހިނދު މި ޕްރޮގްރާމަކީ ދަރިންނަށް ނަމާދު ކުރުމަށް ދަސްކޮށްދިނުމަށް މައިންބަފައިންނަށް ލިބިފައިވާ އަގުހުރި ފުރުސަތެކެވެ.
މި ޕްރޮގްރާމް ގައި ރެޖިސްޓްރީ ކުރުމަށް އަލް އަޞްރުގެ ނަމްބަރ 7925277 ގުޅުއްވާ ނުވަތަ މިގޮތަށް (Praynjoy_Name_Date of birth_Contact number) ޖެއްސެވުމަށް އެސްއެމްއެސް ކޮށްލައްވާށެވެ.