އެންޓި-ސްކޭމް ސެންޓަރަށް 1 އަހަރު: އަދިވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން މައްސަލަ ރިޕޯޓުކުރުން ލަސްކުރުން

ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުންކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް އަށް ދެއްވި ބަސްދީގަތުމެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި، އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ނަގާކަމަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމުގެ ސަބަބުން، ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. އަދި ސްކޭމްެގެ ޝިކާރައަކަށްވާ ފަރާތްތައް ސްކޭމަރުންގެ އުކުޅުތަކަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަ ކުރައްވައި ވިދާޅުވީ، ޕިރަމިޑް ސްކީމްތައް ފަދަ ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުނުކުރެވޭކަމަށެވެ. ހަމައެހެންމެ، ބަވަނަވެފައިވާ ދުނިޔޭގައި ސްކޭމް ކޭސްތަކުގައި ކްރޮސް ޖުރިސްޑިކްޝަން ނުވަތަ ކުށުގެ އަމަލުގައި އެކި ގާނޫނީ އިހުތިޞާސްތައް ޝާމިލުވާ ހާލަތްތަކަކީ، މިފަދަ ކުށްވިޔަ ނުދިމަށާއި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއްކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

scamm

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް 2259 މައްސަލަ ހުށަހެޅިފައިވާކަމަށާއި، އެ މައްސަލަތަކާ ގުޅިގެން 3852 އެކައުންޓް ފްރީޒްކުރިކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވިއެވެ. އަދި ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ފައިސާ އަނބުރާ ވިކްޓިމުންނަށް ހޯދައިދެވުނުކަމަށާއި، އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއާއި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އޮޕަރޭޝަންތަކެއް ހިންގާފައިވާކަމަށާ އަދި ދައުވާކޮށްދިނުމަށް އެދި 10 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނޭކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ސްކޭމްކުރުމުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، ރިޕޯޓުކޮށްފައިވާ މައްސަލަތަކުން އެންމެ ގިނައިން ފާހަގަކުރެވިފައި ވަނީ އީ-ކޮމާސް ސްކޭމްސް ނުވަތަ ވިޔަފާރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށާއި، މިބާވަތުގެ މައްސަލަތަކަކީ އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ 50 އިންސައްތަ މައްސަލަކަމަށް ވިދާޅުވިއެވެ. އަދި ދެވަނައަށް އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް ނުވަތަ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަންތައް ހިންގުމުގައި އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ސްކޭމްތައް ދުރާލައި ދެނެގަނެ، ސްކޭމަރުންގެ އޮޕަރޭޝަންތައް ހުއްޓުވައި މިފަދަ ކަންކަމަށް އާންމުން އަހުލުވެރިކުރުވުމަށް، އެކި މަންސަތަކުގެ ޒަރީއާއިން އެންޓި-ސްކޭމް ސެންޓަރު އަދި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި އެންޓި-ސްކޭމް ސެންޓަރާ އެކު މަސައްކަތްކުރަމުން އަންނަ، ކަމާގުޅުން ހުރި އިދާރާތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި ސްކޭމްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފުލުހުންނަށާއި ކަމާގުޅުން ހުރި އިދާރާތަކަށް ގާނޫނީގޮތުން ލިބިދީފައިވާ ބާރަކީ، ކުށްވިޔަ ނުދިނުމަށް ކުރާ މަސައްކަތަށް ލިބިގެން ދިޔަ ފަހިކަމެއްގެ ގޮތުގައި ސިފަަ ކުރެއްވިއެވެ.

މީގެ އިތުރުން، ވަކިވަކި ފަރުދުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަން އިތުރުކުރުމަށާއި، ސްކޭމެއްކަމަށް ޝައްކުކުރެވޭފަދަ އެއްވެސް މުއާމަލާތެއް ފާހަގަކުރެވިއްޖެނަމަ، އެ މައުލޫމާތު ލަސްނުކޮށް ކަމާބޭހޭ ފަރާތްތަކާ ހިއްސާކުރުމަށް ބާރުއެޅުއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.