
މީހަކު 20 އަހަރު ވަންދެން ވިހަގަދަ ހަރުފަ ލައްވާ ވިހަ ލައްވައިފި
މީހަކު 20 އަހަރު ވަންދެން ވިހަ ގަދަ ހަރުފަ ލައްވައި އަމިއްލައަށް ދަތް އަޅުވައިފި: އޭނާގެ ދިފާއީ ނިޒާމަކީ މިހާރު ސައިންޓިފިކް އަޖައިބެއް
ވިސްކޮންސިންއަށް ނިސްބަތްވާ މީހެއްގެ ލޭގައި ހުރި އެންޓިޓޮކްސިން އެންޓިބޮޑީޒްގެ އެހީގައި، ސައިންސްވެރިން ދަނީ ހަރުފަ ދަތްއެޅުމުންދޭ ފަރުވާ ނުވަތަ ”އެންޓިވެނަމް“ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މީހާއަކީ ގާތްގަނޑަކަށް 20 އަހަރު ވަންދެން އަމިއްލައަށް ހަރުފަ ލައްވައި ދަތް އަޅުވަމުންދިޔަ މީހެކެވެ.
ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ’ސެންޓިވެކްސް‘ އިން ވަނީ ޓިމް ފްރީޑްގެ ހަށިގަނޑުން ފެނުނު ދެ އެންޓިބޮޑީއެއް، ވިހަ ހުއްޓުވާ ބޭހަކާ އެއްކޮށްލައިގެން 13 ބާވަތެއްގެ ހަރުފަޔަކަށް ފުރިހަމަ ރައްކާތެރިކަން އަދި އިތުރު 6 ބާވަތަކަށް ބައެއް މިންވަރަށް ރައްކާތެރިކަންދޭ ފަރުވާއެއް އުފައްދާފަ އެވެ.
މި ޓީމުގެ އުންމީދަކީ ވައިޕާ ހަރުފަ ދަތްއެޅުމުންދޭ ފަރުވާ ތަރައްޤީކުރުމެވެ. އަދި ވަރަށް އަވަހަށް އޮސްޓްރޭލިއާގައި، ހަރުފަ ދަތްއަޅައިގެން ކްލިނިކްތަކަށް ގެންނަ ކުއްތާތަކަށް މި ފަރުވާ ދީގެން ޓެސްޓުކުރަން ފަށާނެ އެވެ.
ހަރުފައަކީ ދުނިޔޭގައިވާ އެންމެ އަޖައިބު ކުރުވަނިވި އެއް ސޫތްޕެވެ. އެސުތްޕަށް ދުލުގެ އެހީގައި ވަސް ބެލުމާއި، ބޭރު ފުށުން ފެންނަން ހުންނަ ކަންފަތެއް ނެތަސް އަޑުއިވުމުގެ ޤާބިލުކަން ލިބިގެންވެ އެވެ. ކޮންމެ އަހަރަކު ދުނިޔޭގައި 80،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވެ އެވެ. އަދި 300،000 އެއްހާ މީހުން ނުކުޅެދުންތެރިވެ އެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ހަރުފަދެކެ ބިރުގަންނަ މީހުންނެވެ.
ނަމަވެސް، 20 އަހަރު ވަންދެން އަމިއްލައަށް ހަރުފަ ލައްވައި ދަތް އަޅުވަމުންދިޔަ ޓިމް ފްރީޑަކީ މި ބިރު އޮތް މީހެއް ނޫނެވެ.
އޭނާ މިހާރު ވަނީ ބްލެކް މަމްބާ، ކިންގް ކޯބްރާ އަދި ޓައިގާ ސްނޭކް ފަދަ ނުރައްކާތެރި ހަރުފަތަކުގެ ވިހައަށް ހޭނިފަ އެވެ. ’ސެލް‘ ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ފްރީޑްގެ ހަށިގަނޑުން ފެނުނު އެންޓިބޮޑީޒް ބޭނުންކޮށްގެން އުފެއްދި އެންޓިވެނަމްގެ ތަފްސީލު ވަނީ ހިމަނާފަ އެވެ.
ސެންޓިވެކްސްގެ ސީ.އީ.އޯ ޖޭކޮބް ގްލެންވިލް ވިދާޅުވި ގޮތުގައި، ފްރީޑްގެ ދިފާއީ ނިޒާމަކީ މުޅި ޙަޔާތުގަވެސް ފެންނާނެ ވަރަށް ތަފާތު އަދި ޚާއްޞަ ނިޒާމެކެވެ. މިއީ ހުރިހާ ބާވަތެއްގެ ހަރުފަ ވިހައަކަށް މަސައްކަތްކުރާ ”ޔުނިވާސަލް އެންޓިވެނަމް“ އެއް އުފެއްދުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ފްރީޑް މި މަސައްކަތް ކުރީ ވަރަށް ބަލައިގެންނެވެ. ފުރަތަމަ އޭނާ ހަރުފައިގެ ވިހަ ނަގައިގެން ހަށިގަނޑަށް އިންޖެކްޓް ކުރަނީ އެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭނާ ވިހައިގެ މިންވަރު އިތުރު ކުރި އެވެ. މީގެ ސަބަބުން އޭނާގެ ހަށިގަނޑަށް އެ ވިހައާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީޒް އުފެއްދުމަށް ފުރުސަތު ލިބުނެވެ. ނޫންނަމަ އޭނާ މާ ކުރިން މަރުވީހެވެ. ހަށިގަނޑު ހޭނުމުން އޭނާ ސީދާ ހަރުފަ ލައްވައި ދަތް އަޅުވަން ފެށި އެވެ. ނަމަވެސް މިއީ ރޭވިގޮތަށް ދިޔަ ކަމެއް ނޫނެވެ. އެއްފަހަރަކު މިސުރުގެ ކޯބްރާ އަކާއި މޮނޮކްލްޑް ކޯބްރާ އެއް ދަތްއެޅުމުގެ ސަބަބުން އޭނާ ހަތަރު ދުވަސް ވަންދެން ކޯމާއެއްގައި އޮންނަން ޖެހުނެވެ.
”އެއީ އަބަދުވެސް ދިލަ ނަގާ، ވަރަށް ތަދުވާ ކަމެއް،“ ފްރީޑް ބުންޏެވެ. ”އެއީ ހެދުނު ގޯހެއްތަ؟ އާނއެކެވެ. އެއީ މޮޔަ ކަމެއްތަ؟ އާނއެކެވެ.“
އެހެންނަމަވެސް ފްރީޑްގެ މި ”ގޯސްތަކުގެ“ ސަބަބުން މުސްތަގުބަލުގައި މިލިއަނަކަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ އެވެ.
ސައިންސްވެރިން ވަނީ އޭނާގެ ދެ އެންޓިބޮޑީއެއް (LNX-D09 އަދި SNX-B03) ބޭނުންކޮށްގެން މީދަލުގައި މި ފަރުވާ ޓެސްޓުކޮށްފަ އެވެ. އެއިން 13 ބާވަތެއްގެ ހަރުފަޔަކުން މީދާ ފުރިހަމައަށް ސަލާމަތްވި އެވެ.
މި ޓީމުން މިހާރު ދަނީ ވައިޕާ އާއިލާގެ ހަރުފަތަކަށްވެސް މިފަދަ ފަރުވާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހަރުފައަކީ ގިނަ ބަޔަކު ބިރުގަންނަ އެއްޗަކަށް ވިޔަސް، ފްރީޑް ފަދަ ހިތްވަރުގަދަ (އަދި ކޮންމެވެސް ވަރަކަށް ނުރައްކަލަށް ހުށަހެޅޭ) މީހުންގެ އެހީގައި، ފަހަރުގައި ދުނިޔެއަށް މި ތަފާތު މަޚުލޫޤުތަކަށް ލޯބިކުރަން ދަސްވެދާނެ އެވެ.



