
އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް ގުޅިގެން ޚާއްޞަ ޢީދު ޙަރަކާތެއް
ފިޠުރު ޢީދު ދުވަހުގެ އުފާ މާލޭގައި ތިބޭ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް ގުޅިގެން ޚާއްޞަ ޢީދު ޙަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޙަރަކާތަކީ ހުރިހާ ކުޑަކުދިންނަށްވެސް ހިލޭ ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައެވެ.
މި ޙަރަކާތުގެ ތެރެއިން ކުދިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ތަފާތު މަޖާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް އޮންނާނެއެވެ. އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި، މި ޙަރަކާތުގެ ކުޅިވަރުތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް، ހަދިޔާއެއް ލިބޭނެ އެވެ.
މި ޢީދު ޙަރަކާތަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ޢީދުގެ ފޯރި ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.



