
ރާއްޖެ އައި އިރު މިހެން ވާނެ ކަމަކަށް އުންމީދެއް ނުކުރަން – މޫސޫ
ފެބްރުއަރީ 22 ވަނަ ދުވަހު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިއިރު، ސިމޯނާ މޫސޫ އާއި ޑީން ޝީޕާސްގެ ހިތުގައި އުފެދިފައިވާ އުފާވެރިކަން ހިފަހައްޓައެއް ނުލެވުނެވެ.
ދެކުނު އެފްރިކާއަށް ނިސްބަތްވާ އަދި އެމްސްޓަޑަމްގައި ދިރިއުޅޭ މި ދެމަފިރިން ރާއްޖެއަށް އައީ ވަރަށް ޚާއްޞަ ކަމަކަށެވެ. އެއީ މި އަހަރުގެ ފަހުކޮޅު ބާއްވާ ރަސްމީ ކައިވެނީގެ ކުރިން، ރާއްޖޭގެ ގޮނޑުދޮށެއްގައި ބާއްވާ ކުޑަ ރަސްމިއްޔާތެއްގައި ކައިވެނީގެ ވަޢުދުތައް ބަދަލުކުރުމަށެވެ.
”އަހަރެމެން ތިބީ ވަރަށް އުފަލުން،“ މޫސޫ ސީ.އެން.އެން ޓްރެވަލްއަށް ކިޔައިދިނެވެ. ”އެއާޕޯޓުން ފޭބުމާއެކު، އަހަރެމެންގެ ނަން ޖަހާފައިވާ ބޯޑެއް ހިފައިގެން ހުރި މީހަކު އަހަރެމެން ސީޕްލޭނަށް ގެންގޮސް، އެއަށްފަހު ރިސޯޓަށް ގެންގޮސްދިން.“
ނަމަވެސް ހަފުތާއެއް ފަހުން، އެމީހުން އެނބުރި އެއާޕޯޓަށް އައިއިރު ހާލަތު މުޅިން ތަފާތެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ހާސް ފްލައިޓަކާއެކު އެމީހުން އެނބުރި ނެދަލޭންޑްސްއަށް ދާން އޮތް ފްލައިޓްވެސް ކެންސަލްވިއެވެ. މިއާއެކު، އެމީހުންވެސް ވެގެންދިޔައީ ގައުމަށް ނުދެވި ތާށިވި އެތައް ހާސް ފަތުރުވެރިންގެ ތެރެއިން ބަޔަކަށެވެ.
ޖެހިގެން އައި ހޯމަ ދުވަހު، މިގޮތަށް ތާށިވި ސަތޭކައެއްހާ މީހުން އެއާޕޯޓުގައި ތޮއްޖެހިފައި ތިއްބެވެ. އެމީހުން ދިޔައީ ފޯނު ޗާޖުކޮށް، ކުޑަކުދިން ބަލައި، އަދި ލިބުނު ކޮންމެ ހުސްތަނެއްގައި ނިދަމުންނެވެ. ”އެއްވެސް މީހެއްގެ މޫނުމަތިން އެއީ ޗުއްޓީއެއް ހޭދަކޮށްލާފައި އައި ބައެއްގެ ކުލަވަރެއް ނުފެނޭ،“ ޝީޕާސް ބުންޏެވެ.
މި ހަމަލާތަކަށް ދެ ހަފުތާ ވީއިރުވެސް، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑު ބުރޫއެއް އަރާފަ އެވެ. މިއީ ކޮވިޑް-19 އަށް ފަހު ކުރިމަތިވި އެންމެ ބޮޑު ދަތުރުފަތުރުގެ ކްރައިސިސް އެވެ. އޭވިއޭޝަން އެނަލިސްޓުން ބުނާގޮތުގައި، މި ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުން އެކަނިވެސް 52،000 އެއްހާ ފްލައިޓް ވަނީ ކެންސަލްވެފަ އެވެ.
ޤަތަރު އެއާވޭޒްއަކީ މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އެއާލައިނެވެ. މޫސޫ އާއި ޝީޕާސްގެ ފްލައިޓްވެސް ޖުމްލަ ފަސް ފަހަރު ކެންސަލްވި އެވެ. މިއާއެކު، އެމީހުންގެ އުފާވެރި ދަތުރު ވަނީ ”ބިރުވެރި ހުވަފެނަކަށް“ ބަދަލުވެފަ އެވެ.
ރިސޯޓުގެ އަގުބޮޑުކަމުން، އެމީހުން ނިންމީ ކުޑަ ހަރަދަކުން ހުރެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން އެމީހުން ބަދަލުވީ ކ. މާފުއްޓަށެވެ. މާފުށީގައި ދެ ހަފުތާއެއްހާ ދުވަސް ހޭދަކުރިއިރު، އެމީހުން ތިބީ ތިން ހޮޓަލެއްގަ އެވެ. އޭގެ ތެރޭގައި ކުޑަދޮރެއްވެސް ނެތް، ”ޖަލެއް ފަދަ“ ކޮޓަރިއެއްވެސް ހިމެނެއެވެ.
ދެ ހަފުތާގެ ބުރަ މަސައްކަތަށްފަހު، އެމީހުންނަށް ވަނީ ސަޢުދީ އެއާލައިނުން ދެ ސީޓު ލިބިފަ އެވެ. މާރިޗު 13 ވަނަ ދުވަހު ފުރަން އޮތް މި ފްލައިޓަކީ ޖިއްދާގައި 13 ގަޑިއިރު މަޑުކުރުމަށްފަހު، ޖުމްލަ 25 ގަޑިއިރުން އެމްސްޓަޑަމަށް ދެވޭނެ ފްލައިޓެކެވެ.
މޫސޫ ބުނީ އޭނާ ހުރީ ވަރަށް އުއްމީދާއެކު ކަމަށެވެ. ”އަހަރެމެން މިތިބީ ގެއަށް ދާން ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް،“ އޭނާ ބުންޏެވެ.



