
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ސަމާލުވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން މި މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި ޢުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ވުޒާރާގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގެވުމަށް ވުޒާރާއިން އެދެއެވެ.
މީގެ އިތުރުން ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



