
”އަވަސްވެގަންނާށެވެ! 1447“ ޕްރޮގްރާމް މާފުށީ ޖަލާއި ހުޅުމާލެ ޖަލުގެ ޤައިދީންނަށްވެސް ފަށައިފި
ރަމަޟާން މަހަށް ޚާއްޞަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ”އަވަސްވެގަންނާށެވެ! 1447“ ޕްރޮގްރާމް މާފުށީ ޖަލާއި ހުޅުމާލެ ޖަލުގެ ޤައިދީންނަށްވެސް ފަށައިފިއެވެ.
އެގޮތުން މާފުށީ ޖަލުގެ 20 ފިރިހެން ޤައިދީންނާއި 34 އަންހެން ޤައިދީން ބައިވެރިވެފައިވާއިރު، ހުޅުމާލެ ޖަލުގެ 47 ފިރިހެން ޤައިދީން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.
މިއީ، މައިގަނޑު 6 މާއްދާ އާއި ހަރަކާތްތަކަށް އެކުލެވޭ، ފަސް ހަފްތާގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި، އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.



