ތަޢުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ހުކުރު ޚުތުބާ

މިފަހަރުގެ ހުކުރު ޚުތުބާ ބިނާކޮށްފައި ވަނީ ރަމަޟާން މަހަށް ޙާއްސަކޮށް، ތަޤްވާވެރި ވުމާއި ތަޢުބާގެ މައްޗަށެވެ. އެގޮތުން ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށާއި، ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

މުސްލިމުން ނަމޫނާއަކަށް ބަލަންވީ ނަބިއްޔާ z ކަމަށާއި، މާތް ﷲ އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. ވީމާ، އަހަރެމެން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތަޤުވާވެރިކަން ބަޔާންކޮށްދެއްވަމުން މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”ތަޤުވާވެރިކަންވަނީ މިތާނގައެވެ. ތަޤުވާވެރިކަންވަނީ މިތާނގައެވެ.“ (އެބަހީ: ހިތުގައެވެ.) މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތްކުރެއްވިއެވެ.“ މި ބަސްފުޅުން ދޭހަވާ ގޮތުގައި ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެކެވެ. ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމެވެ.

“ މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ޚާއްޞަ އަޅުކަން ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުމެވެ. އެހެންކަމުން ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެއެވެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.“

މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތް ނަބިއްޔާ z މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރާންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރު ކަމަށާއި، ހަމަ އެފަދައިން އެކަލޭގެފާނު ޖިބްރީލް ޢަލައިހިއްސަލާމުގެ އަރިހުގައި ވެސް ގިނަ ވަގުތު ކީރިތި ޤުރްއާން މުދާރަސާ ކުރެއްވުމުގައި ހޭދަކުރެއްވި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.

ރަމަޟާންމަހަކީ ސުވަރުގެތަކުގެ ދޮރުކޮޅުތައް ހުޅުވިފައިވާ މައްސަރެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުވެފައިވާ މައްސަރެވެ. އެ ކަމަށް އިޝާރާތްކުރައްވައި ރަސޫލު الله z ޙަދީޘްކުރައްވައިފައި ވެއެވެ. ”ރަމަޟާންމަހުގެ ފުރަތަމަ ރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅުއެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭނެތެވެ. އޭގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުއްވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން އެންމެ ދޮރުކޮޅެއް ވެސް ބަންދެއްނުކުރެވޭނެތެވެ. އަދި ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލައި އަންނާށެވެ! އޭ ނުބައި ކަންތައްތަކަށް އެދޭ  މީހާއެވެ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ! މާތް الله، ރޯދަމަހު އެކަލާނގެ އަޅުތަކުންގެ ތެރެއިން ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ!“

މާތް ﷲ މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުޢާކުރުމަށް ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެއެވެ. ދުޢާކުރުމަށް އަމުރުކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.“

މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ ރަމަޟާންމަހުގައި ރޭ އަޅުކަން ކުރެއްވުން ގިނަކުރެއްވިއެވެ. އެ ކަމަށް އިރުޝާދުދެއްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. ”އީމާންކަމާ އެކު، ސަވާބަށްއެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.“ ކީރިތި ރަސޫލާ z އަމިއްލަފުޅަށް އެ ކަންކަން ކުރެއްވުމުގެ އިތުރަށް އެކަލޭގެފާނުގެ އަހުލުބައިތުން ވެސް އެ ކަންކަމުގައި ޝާމިލުކުރެއްވިއެވެ. ބައެއް ފަހަރު އެކަލޭގެފާނުގެ އަހުލުބައިތުން އަވަހާރަފުޅުން ނަންގަވައި ރޭއަޅުކަމުގައި ބައިވެރިކުރައްވައެވެ. އެހެންކަމުން ތިބާގެ އަހުލުވެރީން ވެސް ރޭއަޅުކަމަށް ހޭނުވުމަކީ އެދެވިގެންވާކަމެކެވެ.

މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށާއި، ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އެގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫން ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.

އަދި ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެ ކަމަށް ނަސޭޙަތްތެރި ވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.