
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ 2 ވަނަ ގައުމީ ފޯރަމް ބަންޑޮސްގައި ނިންމާލައިފި
ދިވެހިރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާއި މެނޭޖުކުރުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ”2 ވަނަ ނޭޝަނަލް ފޯރަމް އޮން ޕްރޮޓެކްޓެޑް އޭރިއާސް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބަންޑޮސް އައިލެންޑް ރިސޯޓުގައި މި ފޯރަމް ކުރިއަށްދިޔައީ މި ފެބްރުއަރީ މަހުގެ 3 އިން 5 އަށް، ތިން ދުވަހުގެ މުއްދަތަށެވެ. މި ފޯރަމްގައި ރާއްޖެއާއި ބޭރުގެ ކަމާގުޅޭ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ”30×30“ ބަޔޯޑައިވަރސިޓީ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން އެކުލަވާލާފައިވާ ރޯޑްމެޕްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މޮނިޓަރކުރުމާއި މެނޭޖުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، އެ ސަރަހައްދުތަކުން ތިމާވެށީގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދާއިމީ މަންފާތަކެއް ލިބޭނެ މަގުތައް ކަށަވަރުކުރުމަކީ ވެސް މި ފޯރަމްގެ މުހިންމު ބޭނުމެކެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (OCPP) ، އައި.ޔޫ.ސީ.އެން (IUCN) އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ގުޅިގެން އިންތިޒާމުކުރި ފޯރަމެކެވެ.
މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމަށް ހުރި ހައްލުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިފައެވެ.



