ޚަބަރު ފީތާ

ފޭދޫ މާޒިއާ މެޗު މާޒިއާއަށް..

ފޮޓޯ: މިހާރު އޮންލައިން

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އައްޑޫސިޓީ ފޭދޫ ބައްދަލުކުރި މެޗު ހަނިގޮތަކަށް މާޒިއާ ކާމިޔާބުކޮށްފިއެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ހައިޘިއްޔަތުން މުބާރާތުގައި ވާދަކުރާ ފޭދޫ ޓީމަށް ސަޕޯޓުކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ރަސްމީ ފުޓްބޯޅަ ދަނޑަށް ވަދެފައިވާ މި މެޗުން މާޒިއާ މޮޅުވީ 2-1 ންނެވެ.

ދެޓީމގެ ފަރާތުންވެސް ހިތްހަމަޖެހޭ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މާޒިއާ އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އެވެ. އަދި މެޗުގެ 51 ވަނަ މިނެޓުގައި މާޒިޔާގެ ދެ ވަނަ ލަނޑުވެސް ޖެހީ އަސަދުﷲ އެވެ.

މާޒިޔާގެ ލަނޑަށް ފަހު ފޭދޫ އިން ކުރިއަށް ޖެހިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ އެޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އިއްބެ ކާމިޔާބުކޮށްދިނުމެވެ.

މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފޭދޫ ޓީމުގައި ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅެފައިވާ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމާއި ނިއު އަދި ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އައްމަޓީ އާއި ކުރިން އައިއެފްސީ އާއި ވެލެންސިއާ އަށް ކުޅުނު އަޙްމަދު ޝާފިޢު (ޝާޓީ) އާއި ޢަލީ ޝަރީރު (ޕީޓަރ) އަދި މާޒިޔާގެ ކުރީގެ ޑިފެންޑަރު ހުސެއިން ލަތީފް (ކާލޯސް) ހިމެނެއެވެ. މިކުޅުންތެރިންގެ ތެރެއިން އައްމަޓީ، ޝާޓީ އަދި ކާލޯސް ފުރަތަމަ އެގާރައިގައި ކުޅުނުއިރު ޕީޓަރ އިނީ ބެންޗުގައެވެ.

މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ މިއަދު ނިއު ރޭޑިއަންޓް އަތުން މޮޅުވި އީގަލްސްއާ އެވެ. އެރޭ ކުޅޭ މެޗުގައި ފޭދޫ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއެވެ.

 

Rate this post