ޚަބަރު ފީތާ

ފެހިވާހަކައިގެ ނަމުގައި ޚާއްޞަ ހަރަކާތެއް ފަށައިފި

ފެހި ވާހަކައިގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފަށައިފިއެވެ.

ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ކުނި ނައްތާލުމުގެ އާދަކާދަތަކަށް މީހުން ހޭލުންތެރިކުރުމަށް ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

މި ހަރަކާތުގެ ފުރަތަމަ ޕްރޮގްރާމް ސްކްރީންކޮށްފައިވާ އިރު، ފުރަތަމަ ޕްރޮގްރާމުގައި ފެނިގެންދިޔައީ ވެމްކޯގެ ދެ ބްރޭންޑް އެމްބެސަޑަރުން ކަމަށްވާ އަޙްމަދު އާތިފާއި ޢަބްދުއް ރަޝީދު ޢަލީ (އަބްސީ) ކުނި ނައްތާލުމާ ގުޅޭ ގޮތުން ދައްކާ ވާހަކައެވެ.

އަދި މި ހަރަކާތަކީ ކުންޏާއިގުޅޭ ގޮތުން މީހުން ދެކޭ ގޮތް ހޯދައި، ކުނި ހެޔޮ ގޮތުގައި ނައްތާލާނެ ގޮތްތަކާއި ގުޅޭ ގޮތުން މީހުންނާ ވާހަކަ ދެއްކުމަށް ވެމްކޯއިން ފެށި ހަރަކާތެކެވެ.

މީގެ އިތުރުން ކުނި އުކާލުމަށް ތައްޔާރުކުރާނެ ގޮތާއި ކުނި ވަކިކުރުމުގެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމަށް ”އީ-ގައިޑް“ގެ ނަމުގައި ޚާއްޞަ ގައިޑެއްވެސް ހެލްތް މިނިސްޓަރ ވަނީ ލޯންޗުކޮށްދެއްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވެމްކޯއިން ވަނީ ފޭސްބުކް މެދުވެރިކޮށް އެ ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ފޮޓޯ މުބާރާތެއް ވަނީ އިޢުލާންކޮށްފައެވެ. މި މުބާރާތުގެ 1 ވަނަ އިނާމަކަށް =/5000 ރުފިޔާ ހުށަހަޅާފައިވާ އިރު، މި މުބާރާތާ ގުޅޭ ތަފްޞީލު ވެމްކޯގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަރަށް އަވަހަހަށް އިޢުލާން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

 

 

 

 

Rate this post