
ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭނެހެން: މިނިސްޓަރ އާދަމް ޝަރީފް
ރާއްޖޭގެ ރަށްތައް ތަރައްޤީކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަ ނުގެއްލޭނޭ ގޮތަށްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި “މަގޭ ދަރަވަންދޫ އެވޯޑު 2025“ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮންމެ ރަށަކީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނޭ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
“ރަށްތައް ތަރައްޤީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމު“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިއްމު ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.



