އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ހުޅުމާލޭ އާއި ވިލިނގިލީގައި ބަހައްޓާ މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ.
ރީ-ރެޖިސްޓްރޭޝަނަށް ހުށަހަޅަންޖެހޭ “ ވޯޓުލުމަށް ރެޖިސްޓްރީވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް “ މޯބައިލް ސްޓޭޝަންތަކުން ލިބެން ހުންނާނެއެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑުވެސް ކުރެވޭނެއެވެ.
ފޯމު ބަލައިގަންނާނީ ހުޅުމާލޭގައި ނަމަ ހުޅުމާލޭ ފެރީ ޓަރމިނަލުން، ވިލިނގިލީގައި ނަމަ ވިލިނގިލީ ފެރީ ޓަރމިނަލުންނެވެ. ފޯމު ހުށަހަޅަން އަންނަ އިރު، ފޯމު ހުށަހަޅަން އަންނަ މީހާ އެމީހާގެ ވޯޓުލުމަށް ބޭނުންކުރާ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު އަދި ރަޖިސްޓްރީވުމަށް އެދި ރަޖިސްޓްރީވުމަށް ހުށަހަޅާ މީހާ އެމީހާގެ ވޯޓުލުމަށް ބޭނުންކުރާ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ ގެންނަންވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާގޮތަށް ކަމަށާއި އީމެއިލް އާއި ފެކްސްގެ ޒަރީޢާއިން އެ ކޮމިޝަނަށް ފޮނުވާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ.