
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު 118،000 މަސްދަޅު ކޭސް ބަހަނީ!
ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު 118،000 މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާންމަހު ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން2024 ވަނަ އަހަރު ކޮންމެ ގޭބިސީއަކަށް ފުށާއި ހަނޑޫ ބަހާފައިވާއިރު، ފާއިތުވި2025 ވަނަ އަހަރު ވަނީ މަސްދަޅު ކޭސް ބަހާފައެވެ. އެގޮތުން މިއަހަރުވެސް މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްއަށް ދެއްވި ބަސްދީގަތުމެއްގައި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެފައި ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުތަކުގެ ޕްރޮޑަކްޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރިހާ މަސްދަޅު ކޭހެއް ނިންމާލެވޭނެކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަރުހަތު އިތުރަށް ވިދާޅުވެފައިވަނީ މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ ސިޓީތަކާބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެން ކަމަށެވެ. އަދި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އަދި މިއީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.



