
ބޭސް ފިހާރަތަކުން އާސަންދައަށް ބިލްކުރަނީ އެތައް ގުނައެއް ބޮޑުކޮށް – އޮޑިޓް ރިޕޯޓު
ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާއިރު، ޢާއްމުކޮށް ބާޒާރުގައި ވިއްކާ އަގުތަކަށްވުރެ އެތައް ގުނަ ބޮޑުކޮށް އާސަންދައަށް ބިލްކުރާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައިވަނީ، ބާޒާރުން ލިބެން ހުންނަ އަގަށްވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، ރާއްޖެ އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް ބާޒާރުން ލިބެން ހުރި އަގަށްވުރެ ބޮޑުކޮށް އާސަންދަ ސްކީމުން ހަރަަދުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން އާންމުކޮށް ބޭނުންކޮށް އުޅޭ 26 ބޭހެއް ބޭސްފިހާރަތަކުން ދޫކުރާ އެންމެ ކުޑަ އަގާއި އާސަންދައިން އެބޭސް ދޫކުރާ އަގާ އަޅާބެލިއިރު، 17 ބޭހެއްގެ އަގު ބާޒާރުން ވިއްކްާ އަގަށްވުރެ ބޮޑުކޮށް ސްކީމް މެދުވެރިކޮށް ދޫކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން ބައެއް ބޭސްވިއްކާ ތަންތަނުން ބޭސްވިއްކާ އެންމެ ކުޑަ އަގަށްވުރެ 63 އިންސައްތައާ ހަމަޔަށްވެސް ބޮޑުކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ ބޭހާބެހޭ ޤަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން އާސަންދައިން ބޭސް ވިއްކާ އަގު ކަނޑައެޅުމުގައި ބޭހާބެހޭ ގަވާއިދުގައިވާ މިންގަނޑަށް އަމަލުކުރަމުން ނުދާއިރު، ބޭހުގެ އަގު ކަނޑައެޅުމުގައި ބޭސް ވިއްކާ ފަރާތްތަކުންވެސް އަމަލުކުރަނީ އެކިފަހަރު އެކިގޮތަށްކަމަށް ވަނީ ބުނެފަ އެވެ.



