ޚަބަރު ފީތާ

ހިއްސާ އަދި ބޮންޑުގައި އިންވެސްޓުކުރުމުގައި ބަލަންޖެހޭ ކަންކަމާއިބެހޭ މަޢުލޫމާތު ދީފި

ކެޕިޓަލް މާކެޓުގައި ވިއްކުމަށް ހުށަހަޅާ ހިއްސާ އާއި ބޮންޑުގައި އިންވެސްޓްކުރުމުގެ ކުރިން  ސަމާލުވާންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިޕްރޮގްރާމްގައި ސެކިއުރިޓީޒް ބަޔާން (ޕްރޮސްޕެކްޓަސް) ދިރާސާކުރުމުގެ މުހިންމުކަމާއި ޕްރޮސްޕެކްޓަސްގައި އިސްކަން ދީގެން ދިރާސާކުރަންޖެހޭ ބައިތަކާއި ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަދި އިތުރު މަޢުލޫމާތު ހޯދޭނެ ގޮތްތަކާއި އިންވެސްޓްމަންޓްގެ ރިސްކުތައް ދެނެގަތުމާއި އެ އިންވެސްޓްމަންޓްގައި އެކުލެވޭ ރިސްކް ނެގުމުގެ ޤާބިލްކަން ލިބިފައިވާ ނިސްބަތުން އިންވެސްޓްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވަނީ މަޢުލޫމާތު ދީފައެވެ.

މީގެއިތުރުން އިންވެސްޓަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މާރކެޓުގައި ހަމަޖެހިފައިވާ އިންތިޒާމްތަކާއި ސެކަންޑަރީ މާރކެޓް މެދުވެރިކޮށް ހިއްސާ ގަނެވިއްކާނެ ގޮތާއި މާރކެޓާއިގުޅޭ ގޮތުން އިންވެސްޓަރެއްގެ ކަންބޮޑުވުމެއް ވާނަމަ އެކަން ހުށަހެޅުމަށް ހަމަޖެހިފައިވާ އިންތިޒާމްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިންތިޒާމްކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމުލަ 33 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

 

Rate this post