މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން: ހުކުރު ޚުތުބާ

މި ހަފްތާގެ ހުކުރު ޚުތުބާގައި ބަލާލާފައިވަނީ އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގެ މައްޗަށެވެ. އެގޮތުން އިސްލާމީ ހަޟާރަތަކީ ކޮންއެއްޗެއްކަން ބަޔާންކޮށްދެއްވައި ބުނެފައިވަނީ، އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ.

އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރި ކަމަށާއި، ނަތީޖާއަކީ، މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުން ކަމަށް ވެސް ބުނެފައިވެއެވެ. މިފަދަ ކުރިއެރުންތަކުގެ މިސާލެއްގެ ގޮތުގައި އަންދަލުސް ދައްކަވަމުން ބުނެފައިވަނީ، އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށި އިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢިލްމީ ގޮތުން، ވަރަށް ވެސް ދަށް ފެންވަރެއްގައި ކަމަށެވެ. އަދި އެ ތަނުގައި މުސްލިމުންގެ ވެރިކަން ގާއިމުވެ، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި، މުސްލިމުން ވެރިކަންކުރަމުން ދިޔަ އަންދަލުސްގެ ޤުރްޠުބާ ވިކަމަށެވެ. އޭރު ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ މަގުތައް ދިއްލައި އަލިކޮށްފައިވާ ކަމަށާއި، މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ރެއާއި ދުވާލު ފޯރިމެރުމަށް ފުލުހުންގެ ފައުޖުތައް ރުކުރުވައިލެވިފައިވާ ކަމަށެވެ. އަދި ގޭބިސީތަކުގައި އުފެދޭ ކުނިތައް އަސްގާޑިޔާ ބޭނުންކޮށް ރަށުތެރެއިން ނެރެ ނައްތައިލެވޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ އެހެން ގައުމުތަކުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން،  މީސްތަކުން އެ ތަނަށް ހިޖުރަކުރާން ފެށި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޢިލްމުވެރިކަމުން މުސްލިމުން ހޯދާފައިވާ ކުރިއެރުންތަކާމެދު އަލިއަޅުވާލަމުން ޚުތުބާގައި ބުނެފައިވަނީ، ބޭސްވެރިކަމުގެ ދާއިރާއަށް ބަލާ ނަމަ، މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ، މުސްލިމުން ކަމަށެވެ. އަދި ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ މުސްލިމު ޑޮކްޓަރުން ކަމަށެވެ. މި ޒަމާނުގައި ސާޖަރީކުރާފަދައިން، ސާޖަރީކުރާން ފެށީ ވެސް ހަމަ މުސްލިމުންނެވެ. ބޭސްވެރިކަމުގެ ދާއިރާގައި އެންމެ އަރައިހުންނެވި އެއް ޢިލްމުވެރިޔަކީ، مُحَمَّدُ بْنُ زَكَرِيَّا الرَّازِيއެވެ. އައްރާޒީގެ ޚިދުމަތްތަކުގެ ތެރޭގައި ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ބެލުމަށް މީޒާނެއް ހެއްދެވިއެވެ. މިއީ މިހާރު ވެސް ދުނިޔޭގެ ހުރިހައި ސައިންސުވެރީންގެ ކޮޓަރިތަކުގައި ވެސް ބޭނުންކުރެވޭ މީޒާނެކެވެ. ފާނަބަސަންދު ފަދަ ބަލިތަކާ ބެހޭ ގޮތުން ދިރާސާކުރައްވައި، ހޯދުންތައް ހޯއްދަވައި އެ ބަލިޖެހޭ ސަބަބާއި އެއިން ރައްކާތެރިވާނޭ ގޮތާއި ބަލީގެ ފަރުވާ ހޯއްދެވިއެވެ. ހަމަ އެހެންމެ މި މައުޟޫޢުގައި ފޮތެއް ލިޔުއްވައި ނެރުއްވިއެވެ. މި ފޮތަކީ އެތައް ޒަމާނެއް ވަންދެން ޔޫރަޕުގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދެވުނު ފޮތެއް ވެސް މެއެވެ. ހަމަ އެހެންމެ، އެންމެ ފުރަތަމަ ދެވޭ އަވަސް ފަރުވާގެ އުސޫލު ކަނޑައެޅުއްވި ޢިލްމުވެރިއަކީ ވެސް ރާޒީއެވެ. ނަވާރަ ސަތޭކަ ތޭރަ ވަނަ އަހަރު، ލަންޑަނުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބޭސްވެރިކަމުގެ ކޮންފަރެންސުގައި ރާޒީގެ ޙަޔާތްޕުޅާއި ޢިލްމީ މަސައްކަތްޕުޅުތަކުގެ މައްޗަށް، އޭނާ ކުރެއްވި ތަޙުޤީޤުތަކާއި، އޭނާގެ ނަޒަރިއްޔާތަކުގެ މައްޗަށް ވާހަކަދެކެވުނެވެ. އަދި އޭނާއަކީ، ބޭސްވެރިކަމުގެ ފަންނުގެ އިމާމުކަމުގައި ޤަބޫލުކުރިއެވެ. މި ދާއިރާގައި އިބުނު ސީނާއަކީ ވެސް ފުންނާބު އުސް ޢިލްމުވެރިއެކެވެ. ބޮޑެތި ބަލިތަކުން މީސްތަކުން ރައްކާތެރިކުރުމަށް އެކަހެރިކުރުން ނުވަތަ ކަރަންޓީނުކުރުމުގެ ޒަމާނީ އުސޫލުތައް އެކުލަވައިލެއްވީ އިބުނު ސީނާއެވެ. ބޭސްވެރިކަމާ ބެހޭ ގޮތުން ލިޔުއްވި ފޮތް ”އަލްޤާނޫނު“އަކީ ބޭސްވެރިކަމާ ގުޅޭ ގޮތުން މި ޒަމާނުގެ ފޮތްތަކާ ދާދި އެއް ގޮތަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި އޭނާ ވިދާޅުވެފައިވަނީ ބަލިފެތުރެނީ އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ކުދިކުދި އެއްޗެހިތަކެއްގެ ޒަރިއްޔާއިންކަމުގައެވެ. މި ޒަމާނުގައި ޓެލެސްކޯޕުގެ އެހީގައި މިކަންވަނީ ކަށަވަރުކުރެވިފައެވެ. ޢިލްމުން ފުރިގެންވާ މި ފޮތަކީ ޔޫރަޕުގެ ބަސްތަކަށް ތަރުޖަމާކުރެވި، އެ ބައިމީހުންގެ ބޭސްވެރިކަން ކުރިއެރުވުމަށް ޓަކައި، ސަތާރަ ވަނަ ޤަރުނުގެ މެދާ ހަމަޔަށް، މުޅި ދުނިޔޭގައި ވެސް ބޭނުންކުރެވުނު ބޭސްވެރިކަމުގެ އެންމެ ބޮޑު މަރުޖިޢެވެ. ޢިލްމީ ގޮތުން މި ބޭބޭފުޅުން ކޮށްދެއްވި އަގުނުކުރެވޭނޭ ޚިދުމަތްތަކަކީ އެ ކަންކަމާ މެދު ފުންކޮށް ވިސްނައިލުމުން ބަޔަކަށް އޭގެ ޒަރީޢާއިން މަންފާ ހުރި، މުޖުތަމަޢު ބިނާކުރުމަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް ފެންނާނެ ޚިދުމަތްތަކެކެވެ.

އަދި މުސްލިމު ޢިލްމުވެރީން ކުރެ އިބްނުލްހައިޘަމަކީ ވެސް އިންޖިނޭރުކަމުގައި ފާހަގަކޮށްލެވޭ މޮޅު ޢިލްމުވެރިއެކެވެ. ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އައްޔާއި ލޮލާ ބެހޭ ގޮތުން ހޯއްދެވި ހޯދުންތަކުގައެވެ. ކުރީގެ ޢިލްމުވެރީން ޤަބޫލުކުރި ގޮތުގައި ލޮލަށް ތަކެތި ފެންނަނީ ލޮލުން އަލީގެ ދޯދިތަކެއް ނުކުމެގެން ގޮސް އެއްޗިއްސަށް އެޅުމުންނެވެ. ނަމަވެސް އިބްނުލްހައިޘަމް އެ ކަން ދޮގުކުރެއްވިއެވެ. އަދި އެއްޗަކަށް އައްޔެއް އެޅިއްޖެ ނަމަ އެ ދޯދިތައް އޭގައި ޖެހި އަނބުރާ އަންނަކަން ސާބިތުކޮށްދެއްވިއެވެ. އަހަރެމެންގެ ލޮލަށް ފެންނަނީ އެ ދޯދިތައް ލޮލަށް އެޅުމުންކަމުގައި ބަޔާންކުރެއްވިއެވެ. މި ޒަމާނުގެ ސައިންސުވެރީން ކެމެރާ އުފައްދައިފައިވަނީ އިބުނުލްހައިޘަމުގެ މި ނަޒަރިއްޔާގެ މައްޗަށް ބިނާކުރައްވައެވެ. އިބްނުލްހައިޘަމުގެ ފޮތްތަކުގެ ތެރެއިން މިހާރު ފެންނާން ހުރީ ތަރުޖަމާކުރެވި ޔޫރަޕުގެ ތަންތާގައި ކިޔަވައިދެވޭ މަދު ފޮތްކޮޅެކެވެ.

މީގެ އިތުރުން ހިސާބު ޢިލްމަށް ބަލާ އިރު، އަލްޚަވާރިޒްމީއަކީ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެކެވެ. ޖިއޮމެޓްރީގެ އިތުރަށް، އަލްޖިބުރާ އުފަންކުރި ޢިލްމުވެރިއަކީ އަލްޚުވާރިޒަމީއެވެ. ޢިލްމުލްޙިސާބުގެ ނަމުގައި ޖިއޮމެޓްރީ ފޮތެއް ލިޔުއްވިއެވެ. އެއީ ނުހަނު ފުރިހަމަ ފޮތެކެވެ. އަދި އަލްޖަބްރު ވަލްމުޤާބަލާގެ ނަމުގައި ލިޔުއްވި ފޮތަކީ އަލްޖަބުރާގެ ފެށުމެވެ. މި ފޮތުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދު ވެސް އިސްކޫލުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޤަވާއިދުތަކެކެވެ. މިއަދު ތަރައްޤީގެ އެންމެ އުހުގައި ތިބިކަމަށް ބުނެވޭ ޔޫރަޕު، އޭރު އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. މާ ބޮޑު ތަޢުލީމެއް ނެތް ބަޔެއްގެ ގޮތުގައެވެ. ސާދަވަނަ ޤަރުނާ ހަމައަށް ޔޫރަޕު މީހުން ހިސާބު ޖަހާން ބޭނުންކުރީ ރޯމަން އަކުރެވެ. އެ މީހުންނަށް މިހާރު މި ބޭނުންކުރާ ހިސާބު އަކުރުތައް އެނގުނީ ވެސް ނުވަ ވަނަ ޤަރުނުގެ ޢިލްމުވެރިޔާ ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ.

މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެ، އިސްލާމް ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ z ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ zގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުން ކަމަށް ނަސޭހަތްތެރި ވެފައިވެ އެވެ.

މީގެ އިތުރުން މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް ކަމަށާއި، މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ z މަނާކުރައްވައިފައިވާ ކަމެއް ކަމަށް ވެސް ހަނދުމަ ކޮށްދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.