
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އޮވެގެން
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެ އެވެ.
އީ-ވީޒާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތަކުގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް އިމިްގރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އެއް ލިބިފައިވާ ބިދޭސީއަކަށް ވާން ޖެހެ އެވެ.
”އެންޓްރީ ޕާސް“ ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަަށްކަން އިމިގްރޭޝަނުން އާންމުކުރި މައުލުމާތުގައިވެ އެވެ.
މީގެ އިތުރަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ބިދޭސީންގެ ވާރކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއްކަން އިމިގްރޭޝަނުން ފާހަގަކުރެ އެވެ.
އީމިއެލް www.immigration.gov.mv/visa/status މެދުވެރިކޮށް އީ-ވީޒާގެ ސައްހަކަން ކަށަވަރު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153 އަށް ގުޅުއްވައިގެން ނުވަތަ info@immigration.gov.mvއަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.
ރާއްޖޭގައި އީ-ވީޒާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް ”އޮންލައިން“ ކުރެވި، އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިދިޔަ މަހުގެ 23ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް އައިސްފަ އެވެ.



