ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން: ހުކުރު ޚުތުބާ

ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!“ މި މައުޟޫޢުއަށް ގެނެސްދީފައިވާ ޚުތުބާގައި ބުނެފައިވަނީ، ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށާއި، މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނަށް ވީހިންދު އެ ބޭބޭކަލުން ވެސް  މަސައްކަތް ކުރެއްވި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚުތުބާގައި ބުނެފައިވަނީ، އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. މަސައްކަތްކުރުމަށް ގޮވައިލައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ”ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށް ޓަކައެވެ.“

މީގެއިތުރުން، އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކަމަށާއި، ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. ހަމަ އެފަދައިން، ބަނގުރާއާއި އޭގެ ވިޔަފާރި ވަނީ ޙަރާމްކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދައިފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށް ޓަކައެވެ.“

”އިސްލާމްދީނުގައި، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހެއެވެ. އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ. ﷲ ތަޢާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރިކުރައްވައިފައެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.

ދިރިއުޅުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރުމާއި އެކަމުގެ މާތްކަމާއި ބެހޭގޮތުން ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”މީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށް ވުރެ، ހެޔޮ އެއްޗެއް، އޭނާއެއް ނުކައެވެ. ހަމަކަށަވަރުން ﷲގެ ނަބިއްޔާ دَاوُدُ عَلَيْهِ السَّلَام ފަރީއްކުޅުއްވައި އުޅުއްވީ، އެ ކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުންނެވެ.“

މާތް الله ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވައިފައި ވަނީ، ޙިކުމަތަކަށް ޓަކައި ކަމަށާއި، އެގޮތުން ރޭގަނޑުގެ ވަގުތު ލައްވައިފައި ވަނީ، އަރާމުކުރުމަށާއި ނިވަލެއްކަމުގައެވެ. އަދި ދުވާލު ލައްވައިފައި ވަނީ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްކަމުގައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.

“ އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި، މަސައްކަތްކުރާން އަންގަވާ ދީނެވެ. މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެއެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ. އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފިއެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައެވެ. ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެކެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.

އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބައެއް ކަމަށާއި، މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބައެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.