
”މަސްވެރިންގެ ގުންޒަރު“ ފަށައިފި
45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ.ދުވާފަރުގައި ފަށައިފި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބާއްވާ މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.
މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވި އެވެ.
މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވި އެވެ.
މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކުރާނެ އެވެ.
މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިން ވަނީ އެމީހުންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.



