
އިލެކްޓްރޯނިކް ކުނީގެ ދިރާސާގެ ހޯދުންތައް އެމް.އެން.ޔޫ. ގައި ހުށަހަޅައިފި
މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގައި ބޭއްވުނު ޚާއްސަ ސެޝަންއެއްގައި، އެފް.ސީ. ފްރިގޭޓަރ (FC Frigator) އިންވަނީ އިހަވަންދިއްޕޮޅުގެ އީ-ވޭސް (އިލެކްޓްރޯނިކް ކުނި) ގެ ބޭސްލައިން އެސެސްމަންޓް އަދި އީ-ވޭސް ރީސައިކަލް ކުރުމުގެ ބާޒާރު ދިރާސާގެ ހޯދުންތައް ހުށަހަޅުއްވާފަ އެވެ.
މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ ”އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮޖެކްޓް“ ގެ ވެށި ކުދި ހިލޭ އެހީގެ ޕްރޮގްރާމުގެ އެހީއާއެކުގައެވެ. ދިރާސާގެ މަސައްކަތްތައް ހިންގާފައިވަނީ ހޯރަފުށި، އުލިގަން، މޮޅަދޫ އަދި ތުރާކުނުގަ އެވެ.
އެމް.އެން.ޔޫ. ގައި ބޭއްވުނު މި ސެޝަންގައި، ރާއްޖޭގައި އީ-ވޭސްގެ މައްސަލަތައް ދިމާވާގޮތާއި، މިހާރު ކުނި ނައްތާލާގޮތުގެ އިތުރުން، މި މައްސަލަތައް ހައްލުކުރުމަށް މުޖުތަމަޢާއި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެ އެވެ.
މި ދިރާސާއިން ލިބުނު ހޯދުންތަކުގެ ސަބަބުން، ރާއްޖޭގައި ނުރައްކާތެރި ކުނި މެނޭޖްކުރުން ރަނގަޅުކުރުމަށް ކުރިއަށްގެންދާ ގައުމީ މަސައްކަތްތަކަށް މުހިންމު މައުލޫމާތު ލިބިގެންދާނެ ކަމަށް އެފް.ސީ. ފްރިގޭޓަރއިން މައުލޫމާތު ދެއްވަ އެވެ.
މީގެ ސަބަބުން، އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ފާހަގަކުރައްވަ އެވެ.



