ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތްތައް

އޮކްޓޫބަރު މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހެވެ. މި މަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން 31އަށް މުޅި ރާއްޖޭގައި، ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކާމިޔަބު ހަރަކާތްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތްތަކުގެ ބޭނުމަކީ ސައިބަރ ސެކިއުރިޓީގެ މުހިންމުކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، ރައްކާތެރި ގޮތުގައި ޓެކްނޮލޮޖީއާއި އިންޓަނެޓުގެ ބޭނުންހިފުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ބާރު އަޅައި، މިފަދަ ކަންކަން ވީހާވެސް ގިނަބައެއްގެ ސަމާލުކަމަށްގެނެސް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ބިލްޑިންގ އަ ސައިބަރ ސްޓްރޯންގ ކޮމިއުނިޓީ” އެވެ. މި ތީމުން ބާރުއަޅަނީ ތިމާއާއި ތިމާގެ އާއިލާ އަދި ވިޔަފާރި ކުންފުނިތަކާއި ރަސްމީ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވިޔަނުދިނުމުގެ ގޮތުން ފަސޭހަކަމާއެކު ކުރެވެންހުރި ކަންކަމަށް އަހުލުވެރިކުރުވުމެވެ.

އާދައިގެ ވިޔަފާރިކުރުމަށާއި ތައުލީމު ހާސިލުކުރުންފަދަ އެތައް ކަމަކާއި އިޖުތިމާއީ ގުޅުންތަކަށް އިންޓަނެޓް ބޭނުންކުރަމުން ދާއިރު ސަލާމަތްތެރިކަމުގެ ފިޔަވަޅުތަަކަށް ފަރުވާކުޑަކޮށްފި ނަމަ ނޭނގި ތިއްބައި ނުރައްކަލުގެ ތެރެއަށް ހުށަހެޅި، އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ސައިބަރ ސްޕޭސްގައި އަމިއްލަ ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުދީ ގޮތުން ކުރެވެންހުރި ކަންކަން ކޮންމެ ފަރުދަކު ވެސް ކުރުމަށެވެ.

ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ބޭނުންކުރުމަށްޓަކައި އެވެއާނަސް ސްލޯގަން ހިމެނޭ ސެލްފީ ބޯޑު ބޭނުކޮށްގެން ސެލްފީނެގުން އަދި މި ހަރަކާތްތަކުގެ ފޮޓޯ އެކި އަތޮޅުތަކުގެ ޕޮލިސް ސޯޝަލް މީޑީއާ އެކައުންޓުތަކުގައި ހިއްސާކޮށްފައިވެއެވެ.

އަދި ސައިބަރ ސެކިއުރިޓީއަށް ރައްޔިތުން އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސާވޭގައި، ދަރިން ގެންގުޅޭ ޑިވައިސްތައް މޮނީޓަރކުރެވޭތޯއާއި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ޕްރައިވެސީ ސެޓިންގ ގަވާއިދުން އަޕްޑޭޓްކުރޭތޯއާއި، އެކި އެކައުންޓުތަކުގައި ބޭނުންކުރަނީ ތަފާތު ޕާސްވޯޑުތޯ އަދި ބޭނުންކުރާ ޑިވައިސްތަކުގެ ސޮފްޓްވެއަރ އަޕްޑޭޓްކުރޭތޯ ބަލާފައިވެއެވެ.

އަދި ވަރުގަދަ ޕާސްވޯޑުގައި ހުންނާނެ ސިފަތަކާއި، އޯޓިޕީއަކީ ކޮބައިތޯއާއި، ޓޫފެކްޓަރ އޮތަންޓިކޭޝަންއަކީ ކޮބައިކަން އެނގޭތޯއާއި ޕިޝިންގ އީމެއިލްގައި ހުންނަ ސިފަތައް އެނގޭތޯ ބަލާފައިވެއެވެ. މީގެ އިތުރުން، ސައިބަރ ކްރައިމްއާ ގުޅުންހުރި އެއްވެސް ތަޖުރިބާއެއް ކުރެވިފައިވޭތޯ ބެލުމާއި ސައިބަރ ސެފްޓީ އެވެއާނަސް ސެޝަންތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރިތޯ ބެލުމުގެ އިތުރުން ސައިބަރ ސޭފްޓީއާމެދު ކަންބޮޑުވާ މިންވަރު ބަލާފައިވެއެވެ.

ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް މައުލޫމާތު ދިނުން: ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކާއި، ޓެކްނޮލޮޖީއާއި އިންޓަނެޓުގެ ބޭނުން ހިފާއިރު ކޮންމެހެން ސަމާލުކަންދޭންވީ ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓީވީގެ އެކި ޗެނަލްތަކާއި ރޭޑިއޯ މެދުވެރިކޮށް މައުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމްތައް މެދުވެރިކޮށް 25،000އަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ވާސިލުވެފައިވާ ކަމަށް ލަފާކުރެވެއެވެ.

cyber security

އިންޓަނެޓް ގަވަރނަންސް ފޯރަމްގައި ބައިވެރިވުން: މޯލްޑިވްސް އިންޓަނެޓް ގަވަރނެންސް ފޯރަމްއަކީ ރާއްޖޭގައި އިންޓަނެޓް ހިންގުމާއި އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ސަރުކާރާއި، މަދަނީ ޖަމުއިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި ތައުލީމީ ދާއިރާ އަދި ޓެކްނޮލޮޖީ ދާއިރާ ތަމްސީލުކުރާ މަންދޫބުން އެއްތަނަކަށް ޖަމާވެ، ރާއްޖެއަށް މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާ އަދި ގްލޯބަލް ކޮމިއުނިޓީތަކުގައި ރާއްޖެއަށްހުރި ފުރުސަތުތަކާ ބެހޭ ގޮތުންމަ ގައުމީ ފެންވަރުގައި މަޝްވަރާކޮށްފައިވެއެވެ.

ވިމެން އިން ޓެކް އިން އިސްނަގައިގެން 2025 އޮކްޓޫބަރު 24 އަދި 25 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރުމުގެ ގޮތުން ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެ، ސައިބަރ ކްރައިމްގެ ތްރެޓް ލޭންޑްސްކޭޕް އޮތްގޮތާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ސަލާމަތާއ ތަފާސް ހިސާބުތައް ހިއްސާކުރެވިފައިވެއެވެ. މީގެ އިތުރުން ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، ”ސީމް ޓެކްނޮލޮޖީ“ ބޭނުންކުރެވިދާނެ ގޮތްތައް ކިޔައިދެވިފައިވެއެވެ.

ސްކޫލުތަކުގެ އެސެމްބްލީގައި ބައިވެރިވެ މައުލޫމާތު ދިނުން: ސްކޫލު ދަރިވަރުން ސައިބަރ ކްރައިމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ގޮތުން، ރަށްރަށުގެ 70 ސްކޫލެއްގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެ ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސައިބަރ ކްރައިމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވެދާނެ ކަންކަން ކިޔައިދީ ދަރިވަރުން ހޭލުންތެރިކުރުވާފައިވެއެވެ.

ޑިޖިޓަލް ޕޭރެންޓިންގއަށް ބެލެނިވެރިން އަހުލުވެރިކުރުން: ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ދަރިން އަހުލުވެރިކުރުވައި އަދި އެ ކުދިން ގެންގުޅޭ ޑިވައިސްތައް މޮނީޓަރކޮށް ކޮންޓްރޯލުކުރާނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުމުގެ ގޮތުން ޑިޖިޓަލް ޕޭރަންޓިންގއާ ގުޅުންހުރި މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރުމުގެ ގޮތުން ސްކޫލުތަކާ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޑިޖިޓަލް ޕޭރެންޓިންގއާއި ސައިބަރ ސޭފްޓީއާ ގުޅުންހުރި މައުލޫމާތު ހިމެނޭ 10،000 ލީފްލެޓް ބެލެނިވެރިންނަށް ބަހާފައިވެއެވެ.

މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުން: ރަށްރަށުގެ ރަސްމީ އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން، މަސައްކަތުގެ މާހައުލުގައި ސަމާލުކަންދޭންވީ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، 87 ރަށެއްގައި މި ހަރަކާތްކުރިއަށް ގެންގޮސްފައިވާއިރު އިދާރާތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އަދި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި މައުލޫމާތާއި ކަމާ ގުޅުންހުރި އެހެނިހެން މައުލޫމާތު ހިމެނޭ 2100 ލީފްލެޓް މުވައްޒަަފުންނަށް ބަހާފައިވެއެވެ.

އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުން: އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ މި ހަރަަކާތުގެ ތެރެއިން ރަށްރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށްފައިވެއެވެ. އަދި ރައްކާތެރިގޮތުގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކޮންމެހެން ސަމާލުކަން ދޭންވީ ކަންކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. މި ހަރަކާތުގެ ތެރެއިން 15،500 އަށްވުރެ ގިނަ މީހުންނާ ބައްދަލުކޮށް މައުލޫމާތުދީ އަދި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް: ސައިބަރ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ ސްކޫލުތަކާއި އިދާރާތަކާއި އަމިއްލަ ޖަމުއިއްޔާތަކާ ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ސެޝަންގައި، ރާއްޖެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ. އަދި ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭގޮތަށް 950 މީހުންނަށް މައުލޫމާތު ދީފައިވެއެވެ.

ހުޅުމާލެ ހިޔާ އިވެންޓް: ސައިބަރ އެވެއާނަސް މަސް ފާހަގަކުރުުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގައި، ރައްޔިތުންނާ ބައްދަލުކޮށް އަދި އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް ސައިބަރ ސޭފްޓީއާއި ޑިޖިޓަލް ޕޭރަންޓިންގއާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ހަރަކާތުގައި ބައިވެރި ފަރާތްތަކުގެ ވައިބަރ އަދި ފޭސްބުކް މަލްޓިފެކްޓަރ ސެޓިންގ ހެދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން 16.000 މީހުންނަށް މައުލޫމާތު ވާސިލުވެފައިވާނެކަމަށް ލަފާކުރެވެއެވެ. އަދި ސައިބަރ ސޭފްޓީއާ ގުޅުންހުރި މައުލޫމާތު ހިމެނޭ 1000 ލީފްލެޓް ބަހާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.