ތަޢުހީދުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ މިޒަމާނުގައިވެސް އިސްކަން ދޭންވީ ކަމެއް: ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ، ތަޢުހީދުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމަށާއި މި ޒަމާނުގައި ވެސް އެކަމަށް އިސްކަން ދިނުމަށެވެ.

އެގޮތުން ޚުތުބާގައި އެންމެ ފުރަތަމަ ވެސް ގޮވާލާފައިވަނީ މާތް اللهއަށް ތަޤުވާވެރިވުމަށެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ޢަމަލުތައް ހެޔޮ ގޮތުގައި ކުރުމަށާއި އަހަރެމެން އުފައްދަވައިފައި ވަނީ އެ ކަމަށްކަން ހަނދުމަ ކޮށްދެއްވާފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“ 

މި މަތިވެރި އާޔަތުގައި އަންގަވައިފައިވާ މަޤުޞަދު ހާސިލުކުރުމަށްޓަކައި އަޅުތަކުން ޚާއްސަ ކަންތައްތަކެއް ޤަބޫލުކުރަން ޖެހެއެވެ. އެ ކަންކަމާ ނުލައި އެއްވެސް އަޅުކަމެއް މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންނެއް ނުވެއެވެ. އެ ކަންތައްތައް ވަރަށް ފުރިހަމަކޮށް އެކަލާނގެ އަޅަމެންނަށް އަންގަވައިދެއްވައިފައި ވެއެވެ.

އެ ކަންކަމަކީ ދަރީން ތަރުބިޔަތުކުރުމުގައި މުހިންމު ކަންތައްތަކެކެވެ. އެއީ އޭގެ ސަބަބުން ދަރީންގެ އުޅުމަށާއި ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނޭކަންކަމެވެ.

ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް، އެކުލެވިގެންވެއެވެ. މި ޙަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން، އެ ޙަދީޘް ބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް الله އިރާދަކުރެއްވި ގޮތަކީ، އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި، ދިގު މުއްދަތަކަށް އިންސާނާއަށް ދަސްވެ، ހިތުގައި ހަރުލައި ހުންނާނޭ ގޮތެވެ. އެހެންކަމުން މި ޙަދީޘްފުޅު ވެސް އައިސްފައި ވަނީ ޙާދިސާއެއްގެ ގޮތަށެވެ. 

عُمَرُ بْنُ الْخَطَّاب رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ. 

بَيْنَمَا نَـحْنُ عِنْدَ رَسُوْلِ اللَّهِ ، ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيْدُ بَيَاضِ الثِّيَابِ، شَدِيْدُ  سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ ޒ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ

މާނައީ: ”عُمَرُ بْنُ الْخَطَّاب رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. އެއްދުވަހަކު، ތިމަންމެން ރަސޫލު الله ޒގެ އަރިހުގައި އިށީނދެ ތިއްބަވަނިކޮށް، ކުއްލިއަކަށް ވަރަށް ސާފު ހުދު ހެދުމެއްގައި ހުންނެވި ބޭކަލަކު ވަޑައިގެންނެވިއެވެ. އެ ބޭކަލެއްގެ އިސްތަށިފުޅު ނުހަނު ކަޅެވެ. ދަތުރެއްކުރައްވައިފައި ވަޑައިގަތްކަމުގެ އެއްވެސް އަސަރެއް އެ ބޭކަލެއްގެ ކިބަޔަކުން ނުފެނެއެވެ. އަދި އެއީ، އަހަރެމެން ކުރެ އެކަކު ވެސް ދަންނަ، ބޭކަލެއްނުމެނޫންމެއެވެ. އެ ބޭކަލަކު ވަޑައިގެން، މާތްނަބިއްޔާ ޒގެ ދެ ކަކޫފުޅުގައި އެ  ބޭކަލެއްގެ ދެ ކަކޫފުޅު ޖެހޭނޭހެން ކައިރީގައި އަދި އެ ބޭކަލެއްގެ ދެ އަތްތިލަފުޅު އެ ބޭކަލެއްގެ ދެ ފައިންޕުޅުގެ މާކަޅުވާމަތީ ބާއްވަވައިގެން (އަދަބުވެރިވެ) އިށީންނެވިއެވެ. އަދި ދެންނެވިއެވެ.“ (قَالَ: يَا مُحَمَّدُ أَخْبِرْنِيْ عَنِ الْإِسْلَامِ) ”އޭ މުޙައްމަދުގެފާނޭވެ! އިސްލާމްކަމަކީ ކޮބައިކަން، ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!“

ފަހެ، ރަސޫލު الله ޒ ޙަދީޘްކުރެއްވިއެވެ. ”އިސްލާމްކަމަކީ: ހަމަކަށަވަރުން، الله މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށާއި، މުޙައްމަދުގެފާނީ، اللهގެ ރަސޫލާކަމަށް ތިބާ ހެކިވުމާއި، ތިބާ (ފަރުޟު ފަސް) ނަމާދު ޤާއިމުކުރުމާއި، ތިބާ ޒަކާތްދިނުމާއި، ތިބާ ރަމަޟާންމަހުގެ ރޯދަހިފުމާއި، ތިބާއަށް އެކަމުގެ ކުޅަދާނަކަންލިބިއްޖެ ނަމަ، (ކަޢުބަތު الله) ގެފުޅަށް ޙައްޖުވުމެވެ.“

”އެ ބޭކަލަކު ދެންނެވިއެވެ! ކަލޭގެފާނު ތިޔަވިދާޅުވީ ރަނގަޅަށެވެ! (ޢުމަރުގެފާނު ވިދާޅުވިއެވެ.) ފަހެ، އެބޭކަލެއްގެ ކަންތަކާ މެދު ތިމަންމެން ޙައިރާންވީމުއެވެ. އެއީ، ކަމެއް އޮޅުން ފިލުއްވެވުމަށް ސުވާލުކުރެއްވުމަށް ފަހު، އެ ކަމުގެ ޖަވާބު ރަނގަޅުކަމަށް ވިދާޅުވާތީއެވެ.“ ދެން  އެ ބޭކަލަކު ދެންނެވިއެވެ. 

(قَالَ: فَأَخْبِرْنِيْ عَنِ الْإِيْـمَانِ) ”އީމާންކަމަކީ ކޮބައިކަން ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!“ (قَالَ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) މާނައީ: ”ޙަދީޘްކުރެއްވިއެވެ.

(އީމާންކަމަކީ) ހަމަކަށަވަރުން، اللهއަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށާއި، ޤިޔާމަތްދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ.“ (قَالَ: صَدَقْتَ) ”އެ ބޭކަލަކު ދެންނެވިއެވެ! ކަލޭގެފާނު ތިޔަވިދާޅުވީ ރަނގަޅަށެވެ!“ 

”އިޙުސާންކަމަކީ ކޮބައިކަން ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!“ ޙަދީޘްކުރެއްވިއެވެ. ”(އިޙުސާންކަމަކީ) ތިބާ اللهއަށް އަޅުކަން ކުރާއިރު، އެކަލާނގެ ޛާތުފުޅު ތިބާ ދެކެދެކެ ހުރެ އަޅުކަންކުރާ ފަދައިން ތިބާ އަޅުކަންކުރުމެވެ. އެހެނީ، ތިބާއަށް އެކަލާނގެ ޛާތުފުޅު ފެންނަކަމުގައި ނުވިއަސް، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.“ (قَالَ: فَأَخْبِرْنِي عَنِ السَّاعَةِ) ”އަނެއްކާ އެ ބޭކަލަކު ދެންނެވިއެވެ. ޤިޔާމަތްވާނެ ވަގުތެއް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ!“ (قَالَ: مَا الْمَسْؤُوْلُ عَنْهَا بِأَعْلَمَ مِنَ السَّائِلِ) ”ޙަދީޘް ކުރެއްވިއެވެ. ”ސުވާލުވެވުނު މީހާއަކީ (އެބަހީ: ތިމަންކަލޭގެފާނަކީ) ސުވާލުކުރެއްވި މީހާއަށް ވުރެ (އެބަހީ:ކަލޭގެފާނަށް ވުރެ) ބޮޑަށް، އެ ކަން އެނގިގެންވާ މީހަކީމެއް ނޫނީމެވެ!“ (قَالَ: فَأَخْبِرْنِي عَنْ أَمَارَاتـِهَا) ”އަނެއްކާ އެ ބޭކަލަކު ދެންނެވިއެވެ. (އެހެންވިއްޔާ) ޤިޔާމަތުގެ ޢަލާމާތްތައް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެ ދެއްވާށެވެ!“

”ޙަދީޘްކުރެއްވިއެވެ. ”(އެކަމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި) އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމާއި، (އެބަހީ: އަޅުއަންހެނުން ގިނަވެ، އެބައިމީހުންނަށް ލިބޭ ދަރިންނަކީ، އެއުރެންގެ ސާހިބުން ކަމުގައިވުމާއި، ނުވަތަ ފަހުޒަމާނުގައި ދަރީން މައިންބަފައިންނަށް ނުބައިވެ، އަންހެން ދަރީންނާއި ފިރިހެން ދަރީން ވެސް މައިންބަފައިންނާ މެދު އަޅުންނެކޭ އެއްފަދައިން މުޢާމަލާތުކުރުމާއި) ހުސްފައިގައި ބަކަރި ހުއިހައްޕާން އުޅޭ އޮރިޔާންނިވައިނުވާ ޙާލުގައިވާ އަތްމަތިދަތި މީސްތަކުން، އެބައިމީހުންގެ އުސް ބިނާތަކާ މެދު އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ފަޚުރުވެރިވެ އުޅޭތީ ތިބާ ދުށުމެވެ.“ (قَالَ: ثُـمَّ انْطَلَقَ، فَلَبِثْتُ مَلِيًّا) ”ދެން އެ ބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. (ޢުމަރުގެފާނު ވިދާޅުވިއެވެ.) ފަހެ، އެއަށްފަހު ތިމަންނާ އެއީ ކޮން ބޭކަލަކުކަން އޮޅުންފިލައިވަޑައިނުގެން މުއްދަތަކަށް ހުންނެވީމެވެ.“ 

(ثُـمَّ قَالَ لِيْ: يَا عُمَرُ! أَتَدْرِيْ مَنِ السَّائِلُ؟ قُلْتُ: اَللهُ وَرَسُوْلُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيْلُ أَتَاكُمْ يُعَلِّمُكُمْ أَمْرَ دِيْــنِكُمْ) ”އެއަށް ފަހު، (ރަސޫލު الله ) ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. 

”އޭ ޢުމަރުގެފާނެވެ! އެ ދުވަހު އެ ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟“ (ޢުމަރުގެފާނު ވިދާޅުވިއެވެ.) ތިމަންނާ ދެންނެވީމެވެ. الله، ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑުމެއެވެ! ޙަދީޘްކުރެއްވިއެވެ. ”އެއީ، ޖިބުރީލުގެފާނެވެ. އެ ކަލޭގެފާނު ވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީނުގެ ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ޓަކައެވެ.“

މި ޙާދިސާ މި ގޮތަށް ހިނގައި ދިއުމުން ވިސްނައި ފިކުރުކުރާންޖެހެއެވެ. މި ޙާދިސާގައި ކުރެއްވި ސުވާލުތަކާއި ދެއްވި ޖަވާބުތަކާ މެދުގައެވެ. މާތް اللهއަށް އަޅުވެތިވުމަށް ޓަކައި އިންސާނާގެ ކިބައިގައި އެނގިދެނިވެފައި ހުންނާންޖެހޭ މުހިންމު ކަންތައްތަކަކަށް، މި ކަންތައްތައް ވާތީ، ގިނަ ދުވަހަށް ހިތުގައި ހަރުލައި ހުންނާނޭ ފަދައިން، މާތް الله މި ކަންތައްތައް އަންގަވައިދެއްވައިފައި ވާތީއެވެ. މި ފަދަ ޙާދިސާއަށް މި ޒަމާނުގެ ތަޢުލީމީ ދާއިރާގައި ކިޔައިއުޅެނީ ”ރޯލް ޕްލޭ“ އެވެ. އެބަހީ ދަސްކުރާން ޖެހޭ ފިލާވަޅު މުދައްރިސް ދެތިން ކުއްޖަކު ލައްވައި އެހެން ކުދީންގެ ކުރިމަތީގައި ތަމްސީލުކޮށްލުމެވެ. މި ގޮތަށް ފިލާވަޅު ގެންދިއުމުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ ގިނަ ދުވަހަށް ހިތުގައި ހަރުލައިފައި ހުރެއެވެ. އެހެންވީމާ ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނމުގެ އަސާސްތަކާ މެދު ގެނެސްދެއްވި މި ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެކެވެ. ނަމަވެސް ދެރަކަމަކީ މި އަދު މިކަންކަމުގެ މައްޗަށް ވަރަށްބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވާ ކަމެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.