
ޝާމިލް 2025 ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް
ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ”ޝާމިލް 2025“ ގެ ނަމުގައި ވަރަށް ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެ އެވެ.
”ޝާމިލް 2025“ ތެރެއިން އިފްތިތާޙްކުރެވިގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ ’ޝާމިލް ލޯގޯ‘ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓިނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެކެވެ. މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށެވެ. މި މަސައްކަތަކީ މި ވުޒާރާ އަދި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވޭ މުހިންމު އިސްނެގުމެކެވެ.
”ޝާމިލް 2025“ ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.



