
ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި މަޝްރޫޢަކީ ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.
މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި ނައިފަރު ދާއިރާ މެންބަރު ޔާސީން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އާއި ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫޢު ނިމުމުން، ނައިފަރުގެ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.



