
ޒިކުރާ ކޮލެޖުގެ ދަސްވެނިވުމުގެ ޖަލްސާ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ޝަރަފުވެރިކޮށްދެއްވައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު ވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފަ އެވެ.
އެމަނިކުފާނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖައަށް ލިބިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވީ، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ 2015 ވަނަ އަހަރު އެންމެ 46 ދަރިވަރުންނާއި އެކު ކިޔަވައިދޭން ފަށައި، މާލޭން ބޭރުގައި މައިމަރުކަޒުކޮށްގެން ހިންގަން ފެށުނު ފުރަތަމަ ކޮލެޖުގެ ގޮތުގައި ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވާ ކޮލެޖެއް ކަމަށެވެ. އަދި އޭޝިޔާ ޕެސިފިކް ކޮލިޓީ ނެޓްވޯރކް (APQN) ގެ މެމްބަރުކަން މިއަހަރު ލިބުނުކަމީ ކޮލެޖުގެ ފެންވަރާމެދު ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން އިތުބާރު އޮތްކަމުގެ އަލިގަދަ ދަލީކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ވަޒީރު، ޑރ.ޢަލީ ހަޢިދަރު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ދަސްވެނިންނާއި މުޚާތަބުކުރައްވައި ވިދާޅުވީ، މަތީ މަތީ ތަޢުލީމު ހާސިލުކުރުމުގައި ދަސްވެނިން ވޭތުކުރި އަހަރުތަކުގެ އަސްލު ފިލާވަޅަކީ އެއްވެސް ފޮތަކުން ނޫނީ ލެކްޗަރަކުން ލިބޭނެ އެއްޗެއް ނޫންކަމާއި، އެ ތަޖުރިބާތަކަކީ ބަދަލުވަމުންދާ ދުނިޔެއެއްގައި ތިމާގެ ފައިތިލަ ސާބިތުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަސްވެނިވި ދަރިވަރުންނާއި މަތީ ވަނަ ހާޞިލުކުރި ދަރިވަރުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ރައްދުކުރައްވައިފަ އެވެ.



