
ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ
ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ވަރކިންގ ގްރޫޕުގެ 50 ވަނަ ސެޝަން ޖެނީވާގައި މިއަދު ފަށައިފި އެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމޭނީ 14 ނޮވެމްބަރ 2025 ގަ އެވެ. މި ސެޝަންގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެ ހިމެނޭގޮތަށް، 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑްތައް ބަލާނެ އެވެ.
ދިވެހިރާއްޖޭގެ ހަތަރުވަނަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2025 ގައެވެ. މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާނެ އެވެ. އަދި މި ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، މި ސެޝަންގައި ހިމެނޭ އެހެނިހެން ޤައުމުތަކަށް ބިނާކުރަނިވި ރިކޮމެންޑޭޝަންތައް ހުށަހަޅާނެ އެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވަ އެވެ. ޔޫ.ޕީ.އާރު.ގެ ހަތަރުވަނަ ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުގަ އެވެ. ޔޫ.ޕީ.އާރު. އަކީ އދ.ގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ ޕްރޮސެސްއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކަށްވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ. މި މަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ ރިވިއުއަކަށް ތިން ޤައުމެއްގެ މައްޗަށް އެކުލެވޭ ”ޓްރޮއިކާ“ އެއް ކަނޑައެޅިފައިވާނެ އެވެ. އެގޮތުން މި ސެޝަންގައި ދިވެހިރާއްޖެއަކީ ޖެމެއިކާގެ ރިވިއު އަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރު ޤައުމެކެވެ.
ޔޫ.ޕީ.އާރު. ގެ 50 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ގެ ކައުންސެލަރ އަލްފާޟިލް އާދަމް ހާމިދު އާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާހީން އާއި އެޓާޗޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ޔޫ.ޕީ.އާރު. ގެ މި ސެޝަންގެ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.



