
ޓްރޭން ސްޓޭޝަންއެއްގައި ބަޔަކަށް ވަޅިން ޙަމަލާދިން މީހަކު ހައްޔަރުކޮށްފި
އިނގިރޭށި ވިލާތުގެ ރޭލު ސްޓޭޝަންއެއްގައި ވަޅިން ބަޔަކަށް ޙަމަލާދިން މީހަކު އެޤައުމުގެ ފުލުހުން ހައްޔަރުކޮށް، ޤަތުލުއާންމެއް ހިންގަން އުޅުނު ކަމުގެ ދަޢުވާ އުފުލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންގިރޭސިވިލާތުގެ ލަންޑަންގެ ރޭލު ސްޓޭޝަންއެއްގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ޕީޓަރބޮރޯއަށް ނިސްބަތްވާ 32 އަހަރުގެ އެންތޮނީ ވިލިއަމްސް ކިޔާ މީހެކެވެ. ހޮނިހިރު ދުވަހު ހިންގި މި ހާދިސާގައި މިމީހާ ވަޅިން ޙަމަލާ ދިނުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ. އަދި އޭގެތެރެއިން ދެމީހެއްގެ ޙާލު ނާޒުކު ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެއެވެ. މިމީހާ ހަމަލާދޭން ފެށުމުން ކުއްލި ޙާލަތެއްގައި ހަންޓިންގޓަންއަށް ރޭލު ވަނީ ހުއްޓާފައެވެ. އަދި އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.
މި ޙަމަލާގެ ސަބަބުން 10 މީހަކު ޒަޚަމްވެފައެވެ. އެހެންކަމުން ވިލިއަމްސްގެ މައްޗަށް 1 ގަސްތުގައި ބަޔަކު މަރާލަން އުޅުނު ކަމުގެ ދަޢުވާއާއި ގަސްތުގައި ޖިސްމާނީ އަނިޔާއެއް ދިނކަމުގެ ދަޢުވާ، އަދި ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދަޢުވާ އިންގިރޭސިވިލާތުގެ ފުލުހުން ވަނި އުފުލާފައެވެ.
ވަޅިން ޙަމަލާދީ ބަޔަކު ޒަޚަމްކޮށްލާފައި ވިނަމަވެސް، ވިލިއަމްސްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކޮށްފައިނުވާ ކަމަށް އިންގިރޭސި ފުލުހުން ވަނީ ބުނެފަ އެވެ.



