
އަފްޣާނިސްތާންއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އަފްޣާނިސްތާންއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައުމެގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޚަބަރުލިބޭ ގޮތުގައި އަފްޣާނިސްތާންގެ އުތުރުގައި އޮންން ސަހަރެއްކަމަށްވާ މަޒާރު-އޭ-ޝަރީފް ކައިރިއަށް އައި މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 6.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް މަދުވެގެން 20 މީހުން މަރުވެ، 320 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތާލިބާން ސިއްޙީ ވުޒާރާއިން ބުނެފައިވަނީ، ގެއްލިފައިވާ މީހުންނާއި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ މިންވަރަކުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސިއްޙީ ވުޒާރާގެ ތަރުޖަމާނު ޝަރަފަތު ޒަމާން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މަރުވެފައިވާ މީހުންގެ އަދަދު 20 ކަމަށް ބުނި ނަމަވެސް އެއީ އަންދާޒާ އަދަދެއް ކަމަށާއި، އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް އަފްޣާނިސްތާންގެ ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.
މިއީ ފާއިތުވި 2 މަސްތެރޭ އެޤައުމަށް އައި ދެވަނަ ބިންހެލުމެވެ. މީގެ ދެމަސްކުރިން އެޤައުމުގެ އިރުމަތި ސަރަހައްދަށް އައި ބިންހެލުމެއްގައި 2200 އެއްހާ މީހުން ވަނީ މަރުވެފައެވެ.



