
އެމްއެންޑީއެފް އިން ކުރިއަށްގެންދާ ތަމްރީނުތަކުގައި މިރޭ ބްލޭންކްސް ފަޔަރކުރާނެ
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ކުރިއަށްގެންދާ ތަމްރީނެއްގައި މިރޭ ބްލޭންކްސް ފަޔަރކުރާނެ ކަމަށް އެއިދާރާއިން ބުނެފި އެވެ.
އެއިދާރާއިން އެކްސްގައި ބުނެފައި ވަނީ، މިރޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ ތެރެއިން، ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15އާއި 22:00އާ ދެމެދު ބްލޭންކްސް ފަޔަރ ކުރާނެ ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން އެމްއެންޑީއެފްގެ ފަރާތުން ކޮންމެ އަހަރެކޭއެއްގޮތަށް މިއަހަރުވެސް ޖުމްހޫރީ މައިދާނުގައި ދިދަނެގުމާއި އަދި އެހެނިހެން ހަރަކާތްތައް ވަނީ ރާވާފަ އެވެ.
ނަސްރުގެ ދުވަހަކީ ނޮވެމްބަރުމަހުގެ 3 ވަނަދުވަހެވެ. މިދުވަހަކީ ދިވެހި ޚާއިނުންގެ ރޭވުމުގެދަށުން ތަމަޅަ ޓައިގަރުންގެ އެހީގައި ރާއްޖެއަށް ޙަމަލާދީ، ދިވެހި އެތައްދަރީންނެއް ރަޙުމްކުޑަކޮށް ޝަހީދުކޮށްލި ދުވަހެވެ.



