
އދ އަތޮޅުގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށް ބާއްވާ ސަލަފް ރިޙްލާ 2025 މިރޭ ފެށިއްޖެ
އދ ގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފާއި އދ. އަތޮޅުކައުންސިލް އަދި ރަށުކައުންސިލްތައް ގުޅިގެން ބާއްވާ، ”ސަލަފް ރިޙްލާ 2025“ މިރޭ ފެށިއްޖެއެވެ.
މިކަމަށް ޓަކައި ޙާއްޞަކޮށް އދ މާމިގިލި އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަސީރުއާއި މާމިގިލި ކައުންސިލްގެ ރައީސް އަލްފާޟިލް ޢިމާދު ފާރޫޤްއެވެ.
މި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި ޖަލްސާ ފައްޓަވައިދެއްވާފައި ވަނީ ޖަމިއްޔަތުއްސަލަފްގެ ދަޢުވާ މެނޭޖަރ އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. މިރަސްމިއްޔާތުގައި ޖަމިއްޔާގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަލަފްރިޙްލާ 2025 ކުރިއަށް ގެންދިއުމަށް އދ އަތޮޅުގެ ފަރާތުން ދެއްވެވި އެއްބާރުލުމާއި އަދި މާމިގިލިން ދެއްކެވި މެހެމާންދާރީއާއި ދެއްވެވި އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ.

މީގެ އިތުރުން މި ޙަފްލާގައި ޖަމިއްޔަތުއްސަލަފްގެ ފަރާތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މި ރިޕޯޓުގައި ޖަމިއްޔާގެ މަޤްސަދާއި އަދި ޖަމިއްޔާގެ ފަރާތުން ހިންގަމުންދާ ބައެއް ހަރަކާތްތަކާއި ބެހޭގޮތުން ކޮންމެވެސްވަރަކަށް އަލިއަޅުވާލާފައި ވެއެވެ.
އެއަށްފަހު ދެން އޮތީ ސަލަފް ރިޙްލާ 2025 ގެ އެންމެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންދިއުމެވެ. އެއީ ”އާއިލީ ގުޅުންތައް“ މި މަޢުޟޫއަށް ކުރިއަށް ފޯރަމްއެކެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިންނެވީ އައްޝައިޚް އަޙްމަދު ސަމީރު އަދި އައްޝައިޚް ޢަބްދުއްސަލާމްއެވެ. ފޯރަމް ހުށަހަޅައިދެއްވީ އައްޝައިޚް މުޖުތަބާ ޙަމީދުއެވެ. މި ފޯރަމްގައި ބައިވެރިވި ފަރާތްތަކަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.
ސަލަފް ރިޙްލާ އެންމެ ފުރަތަމަ ފެށިފައިވަނި 2009 ވަނަ އަހަރުއެވެ. އެގޮތުން އދ އަތޮޅުގައި މިހާރު ކުރިއަށް މިދަނީ ސަލަފް ރިޙްލާގެ 9 ވަނަ ޕްރޮގްރާމްއެވެ.
 

 
 
 
						



