
ވިމެން މެންޓަރސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި
ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ، ސެންޓަރ ފޯ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީސް އިން ކުރިއަށް ގެންދިޔަ ’ވިމެން މެންޓަރސް ޓްރެއިނިންގ ޕްރޮގްރާމް‘ ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދުއެވެ.
މިމަހުގެ 19 އިން 23އަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން އޭވިއޭޝަން ސެކިއުރީ ކޮމާންޑުގެ މުވައްޒަފުން ހިމެނޭހެން 25 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގައި، ’އަންޑަސްޓޭންޑިންގ އިންޑިވިޖުއަލް ޑިފަރެންސް، މޯޓިވޭޝަން އެންޑް އިމޯޝަނަލް އިންޓެލިޖެންސް، ލީޑީންގ ޓީމްސް އެންޑް އޯގަނައިޒޭޝަންސް، އެތިކަލް ލީޑަރޝިޕް އަދި ލީޑަރޝިޕް ކޯޗިންގ އެންޑް މެންޓަރިންގ‘ މައުލޫގެ ދަށުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންތަކުގައި މައުލޫމާތުދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޒާ ޙައްވާ ލަޠީފްއާއި، ޕޮލިސް ބޯޑުގެ ވައިސް ޗެއަރ އާއިޝަތު ނޫރާއާއި ބައެއް ކޮލެޖުތަކުގެ އިސްވެރިންނާއި ލެކްޗަރާއިންގެ އިތުރުން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ އޮފިސަރުންނެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، މުސްތަގުބަލުގައި އިތުރު އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމުގެ މަގުސަދުގައި ހިންގާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އަންހެން ލީޑަރޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައި، އެ މަސައްކަތް ކުރަމުންދާ މުއައްސަސާއެއް ނުވަތަ މުޖުތަމައުއަކަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައިވެއެވެ. އަދި ލީޑަރޝިޕް ޑައިވަރސިޓީ އެންޑް އިންކުލޫޝަންގެ މުހިންމުކަން އުނގަންނައިދީ އެކި ބާވަތުގެ މީހުންނަށް ފުރުސަތުދީ، ވިސްނުމާއި ހުނަރުގެ ބޭނުން ކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އަދި ހިއުމަން މޯޓިވޭޝަންގެ ދަށުން އިންސާނި މިޒާޖާއި ހިތްވަރުދޭނެ ގޮތްތައް ދަސްކޮށްދީ، ޓީމެއް ކުރިއަށް ގެންދިއުމުގައި މޯޓިވޭޝަންގެ ދައުރު އުނގައްނައިދީ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ހަމަ އެހެންމެ، ވަޒީފާގެ މާހައުލުގައި އިމޯޝަނަލް އިންޓެލިޖެންސްގެ މުހިންމުކަމާއި ލީޑަރެއްގެ ހައިސިއްޔަތުން އަމިއްލަ ނަފުސު ދެނެގަންނާނެ ގޮތާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ ކުރިއަރައި ދާނެ ގޮތްތައް ކިޔައިދީފައިވެއެވެ
އޯގަނައިޒޭޝަނަލް ލީޑަރޝިޕްގެ ދަށުން މުއައްސަސާއެއްގައި ކާމިޔާބީއާ ހަމައަށް ދެވޭނެ އުސޫލުތަކާއި ރާވާލައިގެން ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް އުނގަންނައިދީފައިވުމަކީ ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި ފަސޭހަތަކެއް ވެގެންދާނެކަމެކެވެ. އެތިކްސް އަދި އިންޓެގްރިޓީގެ ތެރެއިން ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ކަންކަން މި ޕްރޮގްރާމުން ދަސްކޮށްދީފައިވެއެވެ. އަދި މީހުންނާ ގުޅުން ބަދަހިކޮށް އެހެން މީހުންގެ ފަރާތުން އެ މީހުންގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ މެންޓަރއެއްގެ އެހީތެރިކަމާއެކު ކުރިއަށް ދާނެގޮތް އުނގަންނައިދީފައިވެއެވެ.



