
ވަލީވެރީންކަމުގައި ދެކޭ މީހުންގެ ޤަބުރު ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދުމަކީ ކަނޑައެޅިގެން ޝިރުކުގެ ޢަމަލެއް: ހުކުރު ޚުތުބާ
މި ހަފްތާގެ ހުކުރު ޚުތުބާ ގެނެސްދީފައި ވަނީ ”މާތް ﷲ ގެ ވަލިއްޔުން“ މި މަޢުޟޫއަށެވެ. މި ޚުތުބާގައި ވަލިއްޔުން ކަމުގައި ދެކޭމީހުންގެ ކިބައިން ކަންކަމު އެދުމާއި އަދި ވަލިއްޔުންނަކީ ކޮބައިކަމާމެދު އަލިއަޅުވާލާފައި ވެއެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި، މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ. މާތް اللهގެ ވަލިއްޔުންނާ ބެހޭގޮތުން ނަބިއްޔާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، މާތް اللهގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ޤިޔާމަތްދުވަހު، މާތް اللهގެ ޙަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެއެވެ.“
އަޞްޙާބުބޭކަލުން ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! އެބައިމީހުންނަކީ ކޮންބައެއްކަން އަހަރެމެންނަށް އަންގަވައިދެއްވާށެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އެބައިމީހުންނަކީ، އެކަކު އަނެކަކާ ދެމެދު އެއްވެސް ގާތްތިމާގެ ގުޅުމެއް ނެތި، އެކަކު އަނެކަކަށް މުދަލެއް ދިނުމަކާ ނުލައި، އެކަކު އަނެކަކު ދެކެ މާތް اللهއަށް ޓަކައި ލޯބިވީ މީހުންނެވެ. މާތް الله ގަންދީ ޙަދީޘްކުރައްވަމެވެ. އެބައިމީހުންގެ މޫނުތަކަކީ ނޫރުން އުޖާލާވެފައިވާ މޫނުތަކެކެވެ. އަދި އެބައިމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގައެވެ. މީސްތަކުން ޤިޔާމަތްދުވަހުން ބިރުގަންނަހިނދު އެބައިމީހުން ބިރެއްނުގަންނާނެއެވެ. އަދި މީސްތަކުން ހިތާމަކުރާ ހިނދު އެބައިމީހުން ހިތާމައެއްނުކުރާނެއެވެ.“ އެއަށް ފަހު މި އާޔަތް ކިޔަވައިވިދާޅުވިއެވެ. ”ދަންނާށެވެ! ހަމަކަށަވަރުން، اللهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“
“ ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެއެވެ.“
އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުން ކަމުގައާއި، އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއް ކަމުގައި ވެސް ބުނެފައިވެ އެވެ.
”މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެވެ. މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެކެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.



