
ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފި
ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ، ތެލަސީމިއާ ކުދިންނަށް ޚާއްސަކޮށްގެން އަލައް އެލަވަންސްއެއް ދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފަ އެވެ.
މިގޮތުން ރައީސް ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަމަށާއި، އަދި މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.
”އެކުދިންނަށް މި ފައިސާ ލިބޭނެ. އިމާރާތްތަކާއި މިފަދަ މަޝްރޫޢޫތަކުގެ އިތުރަށް މިގޮތަށް ހުރި ވަޢުދުތައްވެސް ފުއްދަމުން މިދަނީ“ރައީސުލްޖުމްހޫރިއްޔާ. ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާކަމަށެވެ.
ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހަވެސް ބޮޑަށް ރަނގަޅުކުރުމުގެ ގޮތުން ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ މާޅޭގައި ދެމުންދިޔަ ޚިދުމަތްތައް ބަދަލުކޮށްފައެވެ. ހަމައެއާއެކު ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ތެލެސީމިއާއަށް ސްކްރީން ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް، އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ .އަދި ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. ވަޞީލަތްތައް ހަމަކުރުމުގެ އިތުރުން ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.