
ގއ. އަތޮޅުގައި ހިންގި ރައްކާ ރޯޑް ޝޯވ ކާމިޔާބު ކަމާއެކު ނިންމާލައިފި
ގއ. އަތޮޅުގައި އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ރޯޑް ޝޯވ ނިންމާލައިފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާއަކުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާއަށް އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ރައްކާ ރޯޑް ސޭފްޓީ ކެންޕޭންގެ ތެރެއިން ކުރިއަށްގެންދިޔަ ރައްކާ ޝޯވގެ އެންމެ ބޮޑު އަމާޒަކަށްވީ ގއ. އަތޮޅުގެ ރައްޔިތުންނާ ހަމައަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށް ދިނުން ކަމުގަ އެވެ. މިގޮތުން ގއ. އަތޮޅުގެ 9 ރަށުގެ ދަރިވަރުންނާއި، ބެެލެނިވެރިން އަދި އިދާރާތަކުގެ މުވައްޒަފުންނާއި ޒުވާނުންނަށް މައުލޫމާތު ދީފައިވެ އެވެ. އަދި މަގުމަތީންނާއި ހޮޅުއަށިތަކުގެ އިތުރުން ގޭގެއަށް ޒިޔާރަތްކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްކާ ރޯޑް ޝޯވގެ ތެރެއިން އެންޓި-ސްކޭމް ސެންޓަރުގެ ފަރާތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ގއ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ދިޔައިރު އަތޮޅުގެ ވެރި ރަށުގައިި ގިނަބަޔަކަށް ފޯރީގައި ބައިވެރި ވެވޭނެ ހަރަކާތްތަކެއް ހިންގާފައިވެއެވެ. ގިނަ ބަޔަކާއެކު ކުރިއަށްދިޔަ ވާދަވެރި އަދި ފޯރިގަދަ ރޯޑް ސޭފްޓީ ކުއިޒާއި، ގިނަ ބަޔަކު ބައިވެރިވެ ގިނަ މެސެޖުތަކެއް ފޯރުކޮށްދިން ރޯޑް ސޭފްޓީ ހިނގާލުމާއި، އަގުބޮޑު އިނާމު ތަކާއެކު ކުޅެވުނު އަންހެނުންގެ ފޯރިގަދަ ވޮލީ މެޗާއި، ކުޑަކުދިންނަށް ހާއްސަ ބީޗް ބްލާސްޓުގެ ހަރަކާތްތަކަކީ ވެސް ވަރަށް ފޯރިގަދަ، ތަރުހީބު ބޮޑު ހަރަކާތަތްކަކަށް ވެގެންދިޔައެވެ.
ރައްކާ ރޯޑް ޝޯގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ނަގަހައްޓާނެ އާޖީލެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ފުރިހަމަކުރި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ 45 ދަރިވަރަކު ހިދުމަތަށް ނުކުމެފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން ހަނދާންކޮށް ދިނުމަށް ގއ. އަތޮޅުގެ ކޮންމެ ރަށެއްގައި ބިލްބޯޑެއް ހަރުކުރެވިފައިވެއެވެ.
ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮންޕެނީއާއި، އެމް.ޓީ.ސީ.ސީ އަދި އުރީދޫ މޯލްޑިވްސްއެވެ. މި ހަރަކާތްތަކުގައި، ގއ. އަތޮޅު ކައުންސިލާއި އަތޮޅުގެ 9 ރަށުގެ ކައުންސިލުން ބައިވެރިވެފައިވެއެވެ.