
އދ. ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށިއްޖެ
އދ. ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި އެވެ. މި މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެކަމަށް ޙާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢަކީ ދިގުރަށުގެ ގިރާ ސަރަހައްދުތައް ޙިމާޔަތްކޮށް، ރަށުގެ ގޮޑުދޮށަށް ދެމިހުންނެނިވި ޙައްލެއް ހޯދައިދިނުމަށް ހިންގާ ބޮޑު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ފައްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އދ. ދިގުރަށުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަނގެތި ދާއިރާގެ މެންބަރު ޢަބްދުالله ރަޝީދު އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ދިގުރަށް ކައުންސިލްގެ ރައީސް އިބްރާހީމް ޢުޘްމާން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަސައްކަތަކީ، ދިގުރަށުގެ ގިރާ ސަރަޙައްދުތަކަށް ދެމިހުންނެނިވި ހައްލެއް ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 12,864,642.51 ރުފިޔާގެ އަގަށް 150 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ދިގުރަށުގެ ގިރާ ސަރަހައްދުގައި 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓަކާއި، 127 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓަކާއި 15 މީޓަރުގެ ގްރޯއިންގެ އިތުރުން ގޮޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަސައްކަތްތައް ނިމުމުން ދިގުރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.