
ށ. ފޮނަދޫގައި ގުދުރަތީ ޕާކުތައް ޤާއިމްކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހި ކޮށްފި
ށ. ފޮނަދޫގައި ގުދުރަތީ ޕާކުތައް ޤާއިމްކޮށް، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ށ. ފަރިކޮޅުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދު (Protected Area) ރަސްމީކޮށް ބަލަހައްޓަން ފަށާފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
މި ސަރަހައްދު ބަލަހައްޓައި ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ، ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ ޙާއްސަ ތަމްރީނު ލިބިފައިވާ ރޭންޖަރުންނެވެ. އަދި މި ރޭންޖަރުންގެ މަސައްކަތަކީ ފަރިކޮޅުގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުމެވެ. މިއީ ފުނަދޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ގުދުރަތީ ވަށައިގެންވާ މާހައުލު ރައްކާތެރިކޮށް، އެއާއެކު ރަށުގެ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަން ގެނައުމެވެ. ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއަޅާނެ ކަމެއް ކަމަށެވެ. މި ފަދަ ޕާކުތަކަކީ ތިމާވެއްޓަށް އެކުވެރިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ ރައްޔިތުންނަށް އާ އާމްދަނީގެ މަގުތައް ހުޅުވައިދޭނެ ކަމެއް ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެ އެވެ.
އަދި މިފަދަ މަސައްކަތްތަކުން ފުނަދޫގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށި ރައްކާތެރިކުރުމާއި އާބާދީގެ ފުދުންތެރިކަން ގުޅުވައިލެވޭނެކަމަށް ބެލެވެ އެވެ. މިކަމުގެ ސަބަބުން، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެ އެވެ.