
ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އެކަކު ނިޔައުވެއްޖެ
މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި، އެކަކު ނިޔައުވެއްޖެ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފި އެވެ.
މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް ގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ”އަލްމާކް-ފިޔަ“ ނަމަކަށްކިޔާ ކޮޅުވެއްޓި ބަންޑުންޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ކޮޅުވެއްޓި ބަންޑުންޖަހާލުމުން އޭގައި ތިބި 7 މީހުންގެ ތެރެއިން 4 މީހުން ސަލާމަތް ކޮށްފައިވާ ކަމަށާއި، ގެއްލުނު 3 މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށެވެ.
މިވަގުތު ނުފެނި ތިބި ދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް މަޢުލޫމާތު ދީފައިވެ އެވެ.
ބަންޑުންޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އަދި ކޮޅުވެއްޓި އަޑިއަށްދިޔަ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.



