
މުޙައްމަދު ﷺ ދެކެ ލޯބިވާކަން ހާމަކުރާ މީހުންނަށް އިންޑިޔާގައި އަދަބު ދެނީ ކީއްވެ
ފާއިތުވި މަސްތަކާއި ދުވަސްތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއިން ވެރިކަންކުރާ އަވަށްތަކާއި ސްޓޭޓްތަކުގައި، މުސްލިމުންގެ އެތައް ބައެއް ހައްޔަރުކޮށް، އެމީހުންގެ ވިޔަފާރިތައް ބަންދުކޮށް އަދި ގެދޮރު ވަނީ ބުލްޑޯޒަރު މެދުވެރިކޮށް ހަލާކުކޮށްލާފައެވެ. މިގޮތަށް ހާއްސަކޮށް ހައްޔަރުކޮށްފައިވަނީ މުސްލިމް އާއިލާތަކުގެ ފިރިހެނުންނެވެ.
ހައްޔަރު ކުރި އެންމެންގެ ކުށަކީވެސް އެއް ކުށެކެވެ. މުޙައްމަދު ﷺ ދެކެ ލޯބިވާކަން ހާމަވާފަދަ ޕޯސްޓަރާއި ސްޓިކަރ އަދި ޓީޝާޓު ފަދަ އެއްޗެހި ބޭނުން ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ނަބިއްޔާ ﷺ ދެކެ ލޯބިވާކަން ހާމަ ކުރުމެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މިކަމުގެ ސަބަބުން ”އާންމު މަސްލަހަތައް އަސަރުކުރާ“ ކަމަށެވެ.
ފާއިތުވި މަހުގެ ތެރޭގައި ބޮޑުވަޒީރު މޯދީ ނިސްބަތްވާ ބާރަތިޔެ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ވެރިކަންކުރާ އެތައް ސްޓޭޓްއަކުން 40 އަށްވުރެ ގިނަ މުސްލިމުން، މިކުށުގައި ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު 2500 މުސްލިމުންނާއި ދެކޮޅަށް މިފަދަ 22 އަށް ވުރެ ގިނަ ކޭސް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އިންޑިއާގައި އިންސާނިއްޔަތަށް މަސައްކަތްކުރާ ދަރުމަވެރި ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯރ ޕްރޮޓެކްޝަން އޮފް ސިވިލް ރައިޓްސް (އޭޕޭސީއާރް) އިން ވަނީ މިމައްސަލަ ތަހުގީގުކޮށް، މިކަމާއި ދެކޮޅަށް އަޑުވެސް އުފުލާފައެވެ.
މިކަން ފެށިފައިވަނީ، ނަބިއްޔާ ﷺ ގެ ޢީދުމީލާދު ފާހަގަ ކުރުމަށް އުއްތަރު ޕްރަދޭޝްގެ މުސްލިމުން ބޭއްވި ހަފްލާއެއްގައި ”އައި ލަވް މުޙައްމަދު“ ޖަހާފައިވާ ބޯޑެއް ދިއްލުމުންނެވެ. އެބޯޑުގެ ސަބަބުން ހިންދޫ ދީނުގެ މީހުންނަށް މަލާމަތްކޮށް ފުރައްސާރަ ކުރަނީކަމަށް ބުނެ، ހިންދޫންގެ އެތައް ބަޔަކު ފުލުހުންނަށް ޝަކުވާ ހުށަހެޅިއެވެ. ނަތީޖާއަކަށް ވީ، ސްޓޭޓްގައި އެ ޖުމްލަ ބޭނުންކުރުން މަނާކޮށް، އެ ޖުމްލަ ބޭނުންކުރާ މީހުން ހައްޔަރު ކުރުމެވެ.
މިކަމުގެ ތެރޭގައި މުސްލިމު 4 އާއިލާއެއް ދިރިއުޅޭ ގެދޮރު ވެސް ފުލުހުން ވަނީ އެއްކޮށް ހަލާކު ކޮށްލާފައެވެ.