
ޔުކްރޭން ހަނގުރާމަ ހުއްޓާލުމުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް ޓްރަމްޕް އަރިހުން ޒެލެންސްކީ އެދިއްޖެ
ޔުކްރޭން ހަނގުރާމް ހުއްޓާލައި ސުލްޙަ ގާއިމް ކުރުމުގައި މެދުވެރިއެއްގެ ރޯލު ކުޅޭދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން ޔުކްރޭންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ އެދިއްޖެ އެވެ.
ފޯނުން ގުޅުންވާ ދެއްކެވި ވާހަކައިގައި ޒެލެންސްކީ އެދިފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅިފަދައިން، ރަޝިޔާއާއި ޔުކްރޭންގެ ހަނގުރާމަވެސް ހުއްޓާލައި، ސުލްޙަ ގާއިމް ކުރުމުގެ މަސައްކަތުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށެވެ.
އަދި ޓްރަމްޕްއަށް އެއް ހަނގުރާމަ ހުއްޓުވޭނަމަ، އެހެން ހަނގުރާމަތައް ވެސް ހުއްޓުވޭނެ ކަމަށް ވެސް ފޯނުކޯލުގައި ޒެލެންސްކީ ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހު ޒެލެންސްކީ ގުޅުއްވައި، ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދިނުމަށް އެދިފައިވާއިރު، ފާއިތުވި ހުކުރު ދުވަހުވެސް ރަޝިޔާއިން ވަނީ ޔުކްރޭންއަށް ޙަމަލާތަކެއް ދީފަ އެވެ.
މި ޙަމަލާތަކުގައި އެގައުމުގެ ވެރިރަށް ކިއެވްގައި ހުންނަ ހަކަތަ އުފައްދާ މައި މަރުކަޒަށް ޙަމަލާ ދިނުމުގެ ސަބަބުން ކިއެވްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ގޮސްފަ އެވެ. އަދި މީގެ އިތުރުން ވެސް 6 ސަރަހައްދަކަށް ރަޝިޔާއިން ވަނީ ޙަމަލާތައް ދީފަ އެވެ.
އިޒްރާއީލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތަކަށް ދުނިޔޭގެ ސަމާލުކަން އެނބުރުމުގެ ސަބަބުން ރަޝިޔާއިން ޔުކްރޭން ހިފުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރަމުންދިޔަ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.
އަދި ހަމަލާތައް ހުއްޓުވުމާއި ބެހޭގޮތުން ވާހަކަތައް ދެއްކުމަށް ފާއިތުވި އޮގަސްޓު މަހު އެމެރިކާގެ ރައީސް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލާޑީމީރް ޕުޓިންއާއި ބައްދަލުކުރި ނަމަވެސް، ސުލްޙަ ގާއިމް ކުރުމުގެ މި މަސައްކަތަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.