
ހަތަރު އަހަރަށް ފަހު ކާބުލްގައި އިންޑިއާގެ އެމްބަސީ އަލުން ހުޅުވަނީ
ހަތަރު އަހަރުގެ ހަމަނުޖެހުމަށްފަހު އަފްޣާނިސްތާންގެ އިސް ފަރާތްތަކާއެކު މަޝްވަރާތައް ކުރެވި، އިންޑިއާއިން ވަނީ އަފްޣާނިސްތާންގެ ކާބުލްގައި އެގައުމުގެ އެމްބަސީއެއް ގާއިމްކުރުމަށް ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.
މިއީ 2021 ގައި އެމެރިކާގެ އަސްކަރިއްޔާ އަފްޣާނިސްތާނުން ފައިބައި، ޠާލިބާނުން އެގައުމުގެ ވެރިކަމާއި ހަވާލުވުމަށްފަހު، ޠާލިބާން ސަރުކާރާއެކު އިންޑިއާއިން ބާއްވާ ފުރަތަމަ މަތީ ފެންވަރުގެ ޑިޕްލޮމެޓިކް ގުޅުމެވެ. ހުކުރު ދުވަހު އިންޑިއާގެ ނިއު ދިއްލީގައި އެފްޣާނިސްތާނުގެ ވަޒީރުންނާއެކު އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަމް ޖައިޝަންކަރު ބޭއްވި މަޝްވަރާތަކަކަށްފަހު، އެގައުމުގައި އިންޑިއާގެ އެމްބަސީއެއް ގާއުމްކުރުމަށް ނިންމާފައިވާކަން ޚާރިޖީ ވަޒީރުވަނީ ހާމަކޮށްފައެވެ.
ބައްދަލުވުމަށް ފަހު ދެބައިމީހުން ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަފްޣާނިސްތާންގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަޤީއާއި މުޚާތަބު ކުރައްވައި ޖައިޝަންކަރު ވިދާޅުވީ، ދެޤައިމުގެ މެދުގައި އޮންނަ ގާތް އެއްބާރުލުމަކީ އެބައިމީހުންގެ ޤައުމީ ތަރައްޤީއަށާއި، އަދި ސަރަޙައްދީ ހަމަޖެހުމާއި ކެތްތެރިކަމަށް މަގުފަހިވާނެ ކަމެއް ކަމުގަ އެވެ.
އެފްޣާނިސްތާނުގެ މިނިވަންކަމާއި، ސަރަޙައްދީ ސަލާމަތާއި، އަދި މުސްތަޤިއްލުކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި އަފްޣާނިސްތާނުގައި މައުދަނު ހޯދުމުގެ ފުރުޞަތުތައް ބަލައިލުމަށް އިންޑިއާގެ ކުންފުނިތަކަށް ދެއްވި ދަޢުވަތަށްޓަކައި މުއްތަޤީއަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ސިފައިން އެގައުމުން ފައިބައި، އެގައުމު ހިންގުމުގެ އިދާރީ ކަންތައްތަކާއި ހަވާލުވިފަހުން އިންޑިއާއިން ވަނީ އެގައުމުގައި ހުރި އިންޑިއާގެ އެމްބަސީ ބަންދުކޮށްފައެވެ. ނަމަވެސް މަޝްވަރާތަކަކަށް ފަހު 4 އަހަރު ފަހުން އަލުން މި އެމްބަސީ ހުޅުވުމުން، ވިޔަފާރިއާއި ސިއްޙީ އަދި އެހެނިހެން ރޮނގުން ދެގައުމު ދެމެދުގައި މުޢާމަލާތްތައް ކުރެވި، ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.