
ޣައްޒާއަށްޓަކައި ޔޫރަޕުގައި ކުރެވޭ މުޒާހަރާތަކުގައި ލަންޑަނުން އެކަނިވެސް 400 މީހުން ހައްޔަރުކޮށްފި
އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރު ހަމަލާތަކާއި ދެކޮޅުހެދުމުގެ ގޮތުން ޔޫރަޕުގެ އެކި ޤައުމުތަކުގައި މީހުންއެއްވެ ކުރަމުންދާ މުޒާހަރާތަކުގައި، ލަންޑަންގެ އެއްވުމުން 400 މީހުން ހައްޔަރުކޮށްފި އެވެ.
އިނގިރޭސިވިލާތާއި އިޓަލީ، ސްޕޭން އަދި ޕޯޗުގަލްގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން އެއްވެ، އިޒްރާއީލްއާއި ދެކޮޅަށް އަޑުއުފުލައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް އަސްކަރީ ބާރުތަކުން މަސައްކަތް ކުރުމުން، އެއްވުންތައް ހޫނުވެ.
މުޒާހަރާތަކުގެ ބައިވެރިންނާއި އަސްކަރިއްޔާއާއި ދެމެދު ކުރިމަތިލުންތައް ވަނީ އުފެދިފަ އެވެ.
އިޒްރާއީލުގެ އަނިވެރިކަމާއި ދެކޮޅަށް އަޑުއުފުލައި ފާއިތުވި ހޮނިހިރު ދުވަހު ސްޕޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ބާސެލޯނާގައި އާއި މެޑްރިޑްގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވާފައިވާއިރު، ޣައްޒާގެ ހިސޯރު ފޫއަޅުވާލައި އެހީގެ ތަކެއްޗާއެކު ދަތުރުކުރި ގްލޯބަލް ސުމުދް ފްލޮޓިލާގެ ބޯޓުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރާއީލްގެ ކަނޑުފޭރޭ ސިފައިން އަރައި، ބޯޓުތައް އެމީހުންގެ ބާރުގެދަށް ގެނެސް، ބޯޓުތަކުގައި ދަތުރުކުރި ދަރުމައަށް މަސައްކަތްކުރާ އެންމެން ހައްޔަރުކޮށްފައިވާތީ، އެކަމާ ރުޅިވެރިކަން ފާޅުކޮށް އިޓަލީގެ ރޯމްއާއި ލިސްބަންގައިވެސް ދަނީ ބޮޑެތި އެއްވުންތައް އެއްވަމުންނެވެ.
އަދި މިއެއްވުންތަކުގައި މަސްރަހު ހޫނުވެ، ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކާއި ކުރިމަތިލުންތައް ހިނގައި، އިޓަލީގެ ބަނދަރުތަކާއި ސްކޫލްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
އިޓަލީގެ ހުރިހާ ހިސާބެއްގައި ޣައްޒާގެ ދިފާއުގައި ހުކުރު ދުވަހު ބޭއްވުނު އެއްވުމުގައި 2 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ހާމަކޮށްފަ އެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާއިން ހައްޔަރުކުރި 450 ދަރުމަވެރިންގެ ތެރޭގައި ބާސެލޯނާގެ ކުރީގެ މޭޔަރއާއެކު ސްޕޭންގެ 40 މީހުން އިޒްރާއީލުން ވަނި ރަހީނުކޮށްފަ އެވެ.
ސްޕެއިނުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާއީދު ވޭތުވެދިޔަ ހަފްތާތަކުގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ ސަރުކާރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް ދަނީ ހަރުދަނާކުރަމުންނެވެ.
އެގޮތުން ސްޕޭންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިސްކަލް ރޭހުގައި އިޒްރާއީލްގެ ޓީމު ބައިވެރިކުރުމާ ދެކޮޅުހަދާފައިވާއިރު، ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޣައްޒާގައި ކުރާ ހަނގުރާމައަކީ ނަސްލެއް ނައްތާލުމަށް ކުރެވޭ ހަނގުރާމައެއް ކަމަށް ބުނެ، އިޒްރާއީލްގެ ޓީމުތައް ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ބޭރުކުރުމަށް ފާޅުގައި ގޮވާލާފަ އެވެ.



